ސިޔާސީ

އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ ޤައުމު ހަލާކުކުރަން


ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ނުކުންނަށް ބަޔަކުވާންވާނީ، ސިޔާސީގޮތުން ވާދަކުރުމުގެ ބަދަލުގައި ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި ދެކޮޅަށް ވާދަކުރުމަށް ނުކުންނަ ބަޔަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ލީޑަރުން ތަމްރީންކުރުމަށް ފަށާފައިވާ މަހާސިންތާގެ ދެވަނަ ބުރު ނިންމާލުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީ.ޕީ.އެމުން ވައުދުވެފައިވާ ފަދައިން، އެމަނިކުފާނު ސަރުކާރާއި ހަވާލުވެވަޑައިގަތީ ސިޔާސީގޮތުން ވަކި ބޭފުޅުކާއި، ނުވަތަ ވަކި ޕާޓީއަކާއި ވާދަކުރުމުގެ މަޤުސަދުގައި ނޫންކަމަށެވެ. އަދި އެމަނިކުފާނާއި، އެމަނިކުފާނުގެ ކެބިނެޓްގައި ތިބެއްވި ބޭފުޅުންގެ އޮތީ އެންމެ އަމާޒެއްކަމަށާއި، އެއީ މިޤައުމަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތާކާއި، ކުރިމަތިލާ، ރައްޔިތުންނަށް މަންފާކުރަނިވި ޚިދުމަތްތަކެއް ކޮށްދިނުންކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ، ޕީ.ޕީ.އެމާއި އިދިކޮޅު އެހެން ޕާޓީތަކާއި ހުރި އެންމެ ބޮޑު ތަފާތަކީ އެޕާޓީން އަބަދުވެސް މަސައްކަތްކުރަމުންދަނީ ޤައުމަށް ކުރިއެރުން ހޯދައިދިނުމަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ބޭރުގެ ބައެއް ފަރާތްތައް މެދުވެރިކޮށް، ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ، ރައްޔިތުން ނިކަމެތިކޮށްލުމަށް ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެފަދަ އެއްވެސް ކަމެއް ކުރުމަށް ފުރުސަތު ނުދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު ވިދާޅުވީ، ޕީ.ޕީ.އެމުން މިހާރު ދަނީ ސިޔާސީ އެހެން ހުރިހާ ޕާޓީތަކެއްގެ މައްޗަށް ކުރި ހޯއްދަވަމުންކަމަށެވެ. އަދި މި މަހާސިންތާގެ ވާހަކަދެކެވެން ފެށި ހިސާބުން ފެށިގެންވެސް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދިޔައީ، ޕީ.ޕީ.އެމްގެ މެމްބަރުންގެ ތެރޭގައި ފިތުނަވެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށްކަމަށާއި، ނަމަވެސް ޕީ.ޕީ.އެމްގެ ސަފުތަތަކީ ބަދަހި ސަފުތަކެއްކަމަށާއި، އެޕާޓީން އަބަދުވެސް މަސައްކަތް ކުރަމުންދާނީ އެއްބަޔެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.ނައިބު ރައީސް ވިދާޅުވީ އެމަނިކުފާނަށް ރައީސް ޔާމީންގެ ސަރުކާރާއިމެދު ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ. އަދި ސިޔާސީގޮތުން އެމަނިކުފާނު ހުންނަވާނީ ރައީސް ޔާމީން އެމަނިކުފާނު ބެހެއްޓެވި ހިސާބެއްގައިކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ. ކެމްޕެއިން ލީޑަރުން ތަމްރީންކުރުމަށް ކުރިއަށްގެންދާ މި މަހާސިންތާގެ ދެވަނަ ބުރު އަމާޒުކޮށްފައިވަނީ މ އަތޮޅުން ފެށިގެން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށެވެ. އެގޮތުން މިފަހަރުގެ މަހާސިންތާގައި 446 މަންދޫބުން ވަނީ ބައިވެރިވެފައެވެ. މި މަހާސިންތާގެ ތިން ވަނަ ބުރު ޢީދު ބަންދަށްފަހު އަންނަ އޮކްޓޯބަރު މަހުގެ ތިނަކުން ހަތަރަކަށް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ހާމަކުރެއެވެ. އަދި މަހާސިންތާގެ ތިން ވަނަ ބުރު ޚާއްސަ ކުރެވިގެންދާނީ މާލޭގައި ހަރަކާތްތެރިވާ ޕީ.ޕީ.އެމްގެ މަންދޫބުންނަށްކަމަށްވެސް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން މައުލޫމާތުދެއެވެ.