ޚަބަރު

"އިންޖިނޭރުންނަށް ވަޒީފާ ނުލިބުމުގެ މައްސަލައަށް ހައްލު ހޯދައިދޭނަން"


  • ރާއްޖެއަށް އިންޖިނިއަރިންގ ދާއިރާ ނުހަނު މުހިންމުކަން ފާހަގަކުރެއްވި

  • ލޯނު ދިނުމާއި ދިވެހިންނަށް ދާއިރާތަކުން ބައެއް ޚާއްސަކުރުމަށް ފިޔަވަޅު އަޅާނެ

ރާއްޖޭގައި އިންޖިނިއަރިން ދާއިރާއިން ވަޒީފާ ނުލިބުމުގެ މައްސަލައަށް ހައްލު ހޯދާދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރައީސް އޮފީހުން ކުރިއަށްގެންދާ ސިލްސިލާ ޕޮޑްކާސްޓް، "ދަ ޕަލްސް"ގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޕޮޑްކާސްޓް ޚާއްސަކޮށްފައިވަނީ ޤައުމީ އިންޖިނޭރުންގެ ދުވަހަށެވެ.

އެ ޕްރޮގްރާމްގައި އިނގިރޭސިވިލާތުގައި އިންޖިނިއަރިންގ ދާއިރާއިން ތަޢުލީމް ޙާސިލްކުރަމުންދާ ދަރިވަރުންނާއި ދެއްކެވި ވާހަކަފުޅުގައި، އިންޖިނިއަރިންގ ދާއިރާ ޚިޔާރުކުރާ ދިވެހިން ނިސްބަތުން މަދުކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހުރިހާ ދާއިރާތަކުގައި ވެސް ދިވެހިން ތިބުމަކީ މުހިންމުކަމެއްކަމަށެވެ.

އިންޖިނިއަރިންގގެ ދާއިރާއިން ތަޢުލީމު ހާސިލުވުމަށް ޒުވާނުން ފަސްޖެހޭ ސަބަބަކީ އެ ދާއިރާގައި ވަޒީފާތައް ލިބުމުގައި ހުރި ދަތިތައްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެކަން ހައްލުކުރުމަށް ބައެއް ފިޔަވަޅުތައް އަޅުއްވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ދިވެހިން މަދު ދާއިރާތަކުން އުނގެނުމަށް ލޯނު ދޫކުރުމަށް އިސްކަން ދިނުމާއި، އެފަދަ ދާއިރާތަކުގައި ދިވެހިންނަށް އެކަނި ތިބެވޭ ވަޒީފާތައް ހިމެނުން ފަދަ ފިޔަވަޅުތައް އަޅުއްވާނެކަމަށް ވިދާޅުވިއެވެ.

"ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭން ސަރުކާރުން މަސައްކަތް ކޮށްދެމުންދާނަން. މިހާރުވެސް މިދެންނެވިންހެން ރާއްޖޭގައި ސައިންސް ބޭސްޑް އިންޖިނިއަރިން ބޭސްޑް ދާއިރާތަކަށް ވަރަށް ބޮޑު އިސްކަމެއް ދީފައި މިއޮތީ. ގާތްގަނޑަކަށް އަޅުގަނޑު މިބަލަނީ ލޯނުތަކުގެ ދެބައިކުޅަ އެއްބައި ހާއްސަކުރާނީ، ސައިސް އިންޖިނިއަރިން ނުވަތަ މެތެމެޓިކްސް ބޭސްޑް ފީލްޑަކަށް. އޭގެ ބޭނުމަކީ ކުރުމުއްދަތެއްގެ ތެރޭގައި، މިސާލަކަށް 5 ވަރަކަށް އަހަރު ތެރޭގައި ވީހާވެސް ގިނަ ދިވެހިން މިދާއިރާތަކުގައި އެކި ކަހަލަ އިންޖިނިއަރިން ފީލްޑްތަކުގައި ޑޮމިނޭޓް ކުރުން. އޭގެ ފައިދާ ކުރާނީ ރާއްޖެއަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި ތަފާތު އެކި ދާއިރާތަކުން ސައިންސާއި ހިސާބަށް ބިނާކޮށް ހައްލު ހޯދަންޖެހޭކަމަށާއި، އިންޖިނޭރުންނަކީ މަޝްރޫޢުތައް ހިންގުމުގައި، މުހިންމު ދައުރެއް އަދާކުރާބައެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެހެން ދައިރާތަކެކޭ އެއްގޮތަށް މިދައިރާއަށްވެސް ސަރުކާރުން އަހަމިއްޔަތުކަން ދޭއިރު ވީހާވެސް އަވަހަށް މިދާއިރާއަށް މީހުން ބިނާކުރަން ޖެހޭ ކަމަށެވެ. އެހެން ކަމުން ލޯނު ފުރުސަތުތައްވެސް މިދައިރާއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އިތުރަށް ފަހިކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

އިންޖިނިއަރިންގ ދާއިރާ ކުރިއެރުވުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯޓްރީއެއް ޤާއިމުކުރުން ހިމެނެއެވެ. މި ލެބޯޓްރީއަކީ، އިންޖިނިއަރިންގގެ ދާއިރާތަކުން އެކި ކަހަލަ ތަޙްލީލުތައް ކުރުމަށް ބޭނުންވާ، ރާއްޖޭގެ ހުރިހާ ދަރިވަރުންނާ، ރާއްޖެއިން ބޭރުންވެސް، މިފަދަ ތަޙްލީލުތައް ކުރަން ބޭނުންވާ ފަރާތްތަކަށް، އެފަދަ ތަޙްލީލުތައް ކުރެވޭނެ ފެންވަރުގެ ލެބޯޓްރީއަކަށް، ހެދުމަށް ވަނީ ހަމަޖެހިފައެވެ.