ސިޔާސީ

މަހާސިންތާގެ ދެވަނަ ބުރުގެ ނިންމުން މިރޭ ދަރުބާރުގޭގައި


2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕޭން ލީޑަރުން ތަމްރީންކުރުމަށް ކުރިއަށްގެންދާ މަހާސިންތާގެ ދެވަނަ ބުރުގެ އެންމެ ފަހުގެ ސެޝަންތައް މިއަދު ނިންމާލައިފިއެވެ. މިއަދުގެ ސެޝަންތަކާއި ގުޅޭގޮތުން ޕީ.އެސް.އެމްއަށް މައުލޫމާތުދެއްވަމުން ރައީސް ޔާމިންގެ ކެމްޕެއިން އޮފީހުގެ ފަރާތުން ފާތުމަތު ޒައިނާ ވިދާޅުވީ، މިއަދުގެ ސެޝަންތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ މީޑިޔާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދާނެ ގޮތްތަކަކާއި، ސަރުކާރުން ހިންގާ މަޝްރޫޢުތަކާއި، ފާއިތުވި ދުވަސްތަކުގައި ސަރުކާރުން ހާސިލުކޮށްފައިވާ ކާމިޔާބީތަކާއި ގުޅޭގޮތުންކަމަށެވެ. މިކަންކަމާއި ގުޅޭގޮތުން މަހާސިންތާގެ ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންކަމަށް ޒައިނާ ވިދާޅުވިއެވެ. މަހާސިންތާގެ ދެވަނަ ބުރު ނިންމާލުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތު މިރޭ ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ކަމަށާއި، މިރަސްމިއްޔާތުގައި މަހާސިންތާގެ ބައިވެރިންނާއި މުހާތަބުކޮށް އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާކަމަށް ރައީސް ޔާމިންގެ ކެމްޕެއިން އޮފީހުން މައުލޫމާތުދެއެވެ.ކެމްޕެއިން ލީޑަރުން ތަމްރީންކުރުމަށް ކުރިއަށްގެންދާ މި މަހާސިންތާގެ ދެވަނަ ބުރު އަމާޒުކޮށްފައިވަނީ މ އަތޮޅުން ފެށިގެން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށެވެ. އެގޮތުން މިފަހަރުގެ މަހާސިންތާގައި 446 މަންދޫބުން ވަނީ ބައިވެރިވެފައެވެ.މި މަހާސިންތާގެ ތިން ވަނަ ބުރު ޢީދު ބަންދަށްފަހު އަންނަ އޮކްޓޯބަރު މަހުގެ ތިނަކުން ހަތަރަކަށް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް ޔާމިންގެ ކެމްޕެއިން އޮފީހުން ހާމަކުރެއެވެ. އަދި މަހާސިންތާގެ ތިން ވަނަ ބުރު ޙާއްސަ ކުރެވިގެންދާނީ މާލޭގައި ހަރަކާތްތެރިވާ ޕީ.ޕީ.އެމްގެ މަންދޫބުންނަށްކަމަށްވެސް ރައީސް ޔާމިންގެ ކެމްޕެއިން އޮފީހުން މައުލޫމާތުދެއެވެ.