ކުޅިވަރު

އާސެނަލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް އޮބާމަޔަން އާކޮށްފި


އާސެނަލަށް ކުޅެމުންދާ އެ ޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން އެ ޓީމާއި އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

އުމުރުން 31 އަހަރުގެ އޮބާމަޔަން އެއްބަސްވުން އާކޮށްފައި ވަނީ ތިން އަހަރުގެ މުއްދަތަކަށެވެ. 2018 ވަނަ އަހަރު ޖެނުއަރީ މަހު އާސެނަލާއި އޮބާމަޔަން ގުޅުނު އިރު އޭނާ ކުރިން އާސެނަލާއެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވާނެއެވެ.

މީގެ ކުރިން އޮބާމަޔަން ހޯދުމަށް ޗެލްސީ އަދި ބާސެލޯނާއިން މަސައްކަތް ކޮށްފައިވާ އިރު މީގެ ކުރިން ބެލެވުނީ އޭނާ އާސެނަލް ދޫކޮށްލާނެ ކަމަށެވެ.
2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ފަންސާސް ހަ މިލިއަން ޕައުންޑަށް އާސެނަލަށް ބަދަލުވުމަށް ފަހު އޮބާމަޔަން ވަނީ އެޓީމަށް މިހާތަނަށް ކުޅުނު ސަތޭކަ އެގާރަ މެޗުގައި ހަތްދިހަ ދެ ލަނޑު ޖަހައިފައެވެ.

އާސެނަލްއާއެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި އޮބާމަޔަން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ބާވީސް ލަނޑު ޖަހައި ރަން ބޫޓު ހޯދި ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. މިދިޔަ ސީޒަނުގައި އާސެނަލަށް ކުޅުނު ސާޅީސް ހަތަރު މެޗުގައި އޮބާމަޔަން ވަނީ އޮނަތިރީސް ލަނޑު ޖަހައިފަ އެވެ. ލީގުގައި އާސެނަލްގެ ޖާޒީގައި ކުޅުނު އަށްޑިހަ ހަ މެޗުގައި އޮބާމަޔަން ވަނީ ފަންސާސް ފަސް ލަނޑު ޖަހައި ބާރަ ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ.

އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި އޮބާމަޔަން އަކީ މިހާރު އާސެނަލްގެ ކެޕްޓަނެވެ. އެ ކްލަބުގެ ކެޕްޓަންކަމުގެ މަގާމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޮބާމަޔަން ހަމަޖެއްސީ ކުރީގެ ކޯޗު އުނާއި އެމެރީއެވެ.