ކުޅިވަރު

މި ރޫހުގައި ކޮންމެ ޓީމަކާވެސް ވާދަކުރެވޭނެ: އަންޗެލޮޓީ

ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުގައި ކުޅުނު ރޫހުގައި އެވަޓަންއަށް ކޮންމެ ޓީމަކާވެސް ވާދަކޮށްލެވޭނެކަމަށް އެޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

ލީގުގެ ފުރަތަމަ މެޗުގައި ޓޮޓްނަމްގެ މައްޗަށް ކުރި ހޯދުމަށްފަހު ވާހަކަދައްކަމުން އަންޗެލޮޓީ ބުނީ މިހާރު އެވަޓަންގައި އޮތީ އޭނާ ބޭނުންވާ ގޮތަށް ތައްޔާރުވެފަ އޮތް ޓީމެއްކަމަށެވެ. ހުސްވި ސީޒަންގެ މެދުތެރިން އެވަޓަންގެ ކޯޗުކަމާއި ހަވާލުވި އަންޗެލޮޓީ ބުނީ އޭނާގެ ޓީމުން ލީގުގެ ފުރަތަމަ މެޗުގައި ދެއްކީ މޮޅު ކުޅުމެއް ކަމަށެވެ. ޚާއްސަކޮށް އަންޗެލޮޓީ ވަނީ ޓީމާ އަލަށް ގުޅުނު ކުޅުންތެރިންގެ ކުޅުން ފާހަގަކޮށްފައެވެ.

އެނާ ބުނީ ރަނގަޅު ފެށުމަކުން ލީގު ފެށުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ޗެލްސީއަށް ލީގުގެ ތަށި ކާމިޔާބުކޮށްދިން ކޯޗު ބުނީ މެޗުން ހާސިލްވި އެންމެ މުހިންމު ފިލާވަޅަކީ ލީގުގައި ރަނގަޅު ވާދައެއް ކޮށްލެވޭނެކަމުގެ ޔަގީންކަން ލިބުމުން ކަމަށެވެ. މި ރޫހުގައި ކުޅުންތެރިން ކުޅެފިކަމަށް ވާނަމަ ކޮންމެ ޓީމަކާ ދެކޮޅަށްވެސް މި ކުޅުން ދެއްކޭނެކަމަށް އޭސީ މިލާންއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކޯޗު ބުންޏެވެ.