ސިޔާސީ

ރައީސް މައުމޫނާއި ރައީސް ޔާމިން ޕީޕީއެމްއާއި ވަކިނުކުރެވޭނެ


ސިޔާސީ ވާދަވެރިން ފިތުނަ އުފެއްދުމަށް ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، ރައީސް މައުމޫނާއި، ރައީސް ޔާމިން ޕީ.ޕީ.އެމުން ވަކި ނުކުރެވޭނެކަމަށް ޕީ.ޕީ.އެމްގެ ނައިބު ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. ޕީ.ޕީ.އެމްގެ ނައިބު ރައީސް މިހެން ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕޭން ލީޑަރުން ތަމްރީންކުރުމަށް ރައީސް ޔާމީންގެ ކޭމްޕެއިން އޮފީހުން ކުރިއަށްގެންދާ މަހާސިންތާގެ ދެވަނަ ބުރު ފެށުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕޭން ލީޑަރުން ތަމްރީންކުރުމަށް ކުރިއަށްގެންދާ މަހާސިންތާގެ ދެވަނަ ބުރު ރަސްމީކޮށް ހުޅުއްވައިދެއްވީ ޕީ.ޕީ.އެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. މިކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޕީ.ޕީ.އެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރާއްޖެ މިއަދު މިދެކޭ ތަރައްޤީގެ ބާނީންނަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމާއި، ޕީ.ޕީ.އެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްކަމަށެވެ. އަދި ސިޔާސީ ގޮތުން ބަޔަކު މީހުން ކިތަންމެ ވަރަކަށް ފިތުނަ އުފެއްދުމަށް މަސައްކަތްތަކެއް ކުރިނަމަވެސް، މިއީ އޮޅުވާލެވޭނެ ހަޤީގަތެއް ނޫންކަމަށާއި، މި ދެބޭފުޅުންވެސް ޕީ.ޕީ.އެމްއާއި ވަކިނުކުރެވޭނަކަމަށް އަބްދުއްރާހިމް ވިދާޅުވިއެވެ.ޕީ.ޕީ.އެމްގެ ނައިބު ރައީސް ވިދާޅުވީ، ޤައުމެއްގެ ހާލަތު ވަޒަންކުރާނީ އެޤައުމެއްގައި ދިރިއުޅޭ ރައްޔިތުންކަމަށާއި، އެހާލަތު ބަދަލުކުރާނީވެސް ހަމަ އެ ރައްޔިތުންކަމަށެވެ. އަދި މިހާރު ފެންނަމުން މިދަނީ ސަރުކާރާމެދު ރައްޔިތުން ކުރަމުންދާ އުއްމީދުތައް ހަޤީޤަތަކަށްވަމުންދާ މަންޒަރުތައްކަމުގައިވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީ.ޕީ.އެމްގެ ޕީ.ޖީ ގްރޫޕްގެ ލީޑަރު ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ރައީސް ޔާމިންގެ އަނބިކަނބަލުންގެ އިސްނެންގެވުމުގެ މަތިން ކެމްޕެއިން ލީޑަރުން ތަމްރީން ކުރުމަށް ފަށާފައިވާ  މި މަހާސިންތާއަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން އެޕާޓީއަށް މުހިއްމު މަހާސިންތާއެއްކަމަށެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިލާންޖެހުނު ކަންތައްތަކަށް އިޝާރަތްކުރައްވަމުން ނިހާން ވިދާޅުވީ، އެފަހަރުގެ ރިޔާސީ އިންތިހާބުން ރައީސް މައުމޫނަށް ނާކާމިޔާބީއާއި ކުރިމަތިލާންޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތުދޭނެ ހަރުދަނާ ކެމްޕެއިން ލީޑަރުންތަކެއް ނުއުފެއްދުމުންކަމަށެވެ.2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ލީޑަރުން ތަމްރީންކުރުމަށް ކުރިއަށްގެންދާ މި މަހާސިންތާގެ ދެވަނަ ބުރު އަމާޒުކޮށްފައިވަނީ މ. އަތޮޅުން ފެށިގެން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށެވެ. އެގޮތުން މިފަހަރުގެ މަހާސިންތާގައި 446 މަންދޫބަކު ވަނީ ބައިވެރިވެފައެވެ. މަހާސިންތާގެ ދެވަނަ ބުރު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ ދިހަވަނަ ދުވަހުން ފެށިގެން ބާރަވަނަ ދުވަހުގެ ނިޔަލަށެވެ.