ޚަބަރު

ޓީވީ ޕްރޮގްރާމާއި އުފެއްދުމާއި ބެހޭ ވޯކްޝޮޕް ނިމުން


އޭޝިޔާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންއާއި ނޯވޭގެ ޕަބްލިކް ބްރޯޑްކާސްޓަރ އެން.އާރު.ކޭއާއި ގުޅިގެން ޕީއެސްއެމުން ކުރިއަށްގެންދިޔަ ކުޑަކުދިންގެ ޓީވީ ޕްރޮގްރާމް އުފެއްދުމާއި ބެހޭ މަސައްކަތު ބައްދަލުވުން ނިންމާ، ބައިވެރިންނަށް ސެޓްފިކެޓްދީފިއެވެ. އެކަމަށްޓަކައި މިއަދު ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތު ބައްދަލުވުން ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ހަލީލުއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ހަލީލް ވިދާޅުވީ، ޕީ.އެސް.އެމްގެ މިހާރުގެ އަމާޒަކީ މަސައްކަތުގެ މައިދާނުން ހަރުދަނާ ޤާބިލު ޒުވާނުންތަކެއް އުފެއްދުންކަމަށެވެ. އަދި ޕީ.އެސް.އެމުން އަލަށް ތަޢާރަފުކުރުމަށް ހަމަޖެހިފައިވާ ޗެނަލްތަކާއެކު ވަޒީފާގެ އިތުރު ފުރުސަތުތަކެއް ހުޅުވާލެވިގެންދާނެކަން ފާހަގަކުރައްވާ، ހަލީލް ވިދާޅުވީ، ޕީ.އެސް.އެމްގެ އެއްވެސް ޗެނަލަކުން ޤައުމު ފަސާދަކުރުމަށް ފުރުސަތު ނުދެއްވާނެކަމަށާއި، ޕީ.އެސް.އެމްގެ ހުރިހާ ޗެނަލްތަކެއްވެސް ބައްޓަންވެގެންދާނީ ޤައުމު ބިނާކުރުމަށްކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، ބޭނުންތެރި ޕްރޮގްރާމްތަކެއް އުފެއްދުމަށް ޢިލްމީގޮތުން ޤާބިލު ޒުވާނުންތަކެއް ބިނާކުރުމަށް ޕީ.އެސް.އެމުން އަބަދުވެސް މަސައްކަތް ކުރަމުންދާނެކަމަށް ހަލީލް ވިދާޅުވިއެވެ.މިމަހުގެ 6 ފެށިގެން 10 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް މައުލޫމާތުދީފައި ވަނީ، ކުޑަކުދިންގެ ޓީވީ ޕްރޮގްރާމް އުފެއްދުމުގައި ނޯވޭގެ ތަޖުރިބާކާރެއްކަމަށްވާ ކައްލޭ ފުރސްޓްއެވެ. މި މަސައްކަތު ބައްދަލުވުމުގައި ޓީ.ވީ ޕްރޮޑިއުސަރުންގެ ގޮތުގައި ޕީ.އެސް.އެމްގައި މަސައްކަތްކުރާ 9 ޕްރޮޑިއުސަރުންނާއި، ސަން ގްރޫޕް އަދި ޗެނަލް 13 ހިމެނޭހެން ޖުމްލަ 11 ޕްރޮޑިއުސަރުން ބައިވެރިވެފައިވެއެވެ.