ކުޅިވަރު

ޓީޓީއޭއެމްއިން ނެގި އިޖުރާއީ ނުކުތާ ސިވިލް ކޯޓުން ބަލައި ނުގަންނަން ނިންމައިފި


ސިވިލް ކޯޓުން ބަލަމުންދާ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރިއަށްއޮތް އިންތިޚާބުގެ މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޓީޓީއޭއެމްއިން ނެގި އިޖުރާއީ ނުކުތާ ކޯޓުން ބަލައި ނުގަންނަން ނިންމައިފިއެވެ.

މިމައްސަލާގައި އާދީއްތަ ދުވަހު ސިވިލްކޯޓުގައި ބޭއްވި އަޑުއެހުމުގައި ޓީޓީއޭއެމްއިން ނަގާފައިވާ އިޖުރާއީ ނުކުތާއަކީ، އެމައްސަލަ ބަލައިފިނަމަ އެކަމުން ރާއްޖޭގެ ޓީޓީއަށް ކުރާނެ ނުރަނގަޅު އަސަރުތަށް ބަޔާންކޮށް ނަގާފައިވާ އިޖުރާއީ ނުކުތާއެކެވެ. ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބާއި ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ރާއްޖޭގެ ކޯޓަކުން ބެލޭނެ މައްސަލައެއް ނޫންކަމަށެވެ.

ނަމަވެސް ސިވިލްކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރު ސޮއެކުރައްވައި ނެރުއްވި، އިޖުރާއީ ނުކުތާއާމެދު ނިންމިގޮތުގެ ބަޔާނުގައި ބުނެފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ނަގާފައިވާ ނުކުތާއަކީ އިޖުރާއީ ނުކުތާއެއްކަމުގައި ބަލައިނުގަންނަ ކަމަށެވެ. އަދި މިނުކުތާއާ މެދުގައި ޝަރީއަތުން ރިޢާޔަތްކޮށްފައިވާ ގޮތުގެ ސަބަބުތަށް މަޢުޟޫއީ މައްސަލަ ނިމޭއިރު ގަޞިއްޔާގެ ޙުކުމަށް ވާސިލުވި ސަބަބުތައް ބަޔާންކޮށް ފާހަގަކުރާ ނުކުތާތަކުގައި ބަޔާންވެގެން އޮންނާނެ ކަމަށެވެ.

ޓީޓީއޭމްއިން ނެގި އިޖުރާއީ ނުކުތާ ބަލައިނުގަންނަން ކޯޓުން ނިންމިއިރު މިމައްސަލައާ ގުޅިގެން އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނާއި ޓީޓީއޭއެމްއާއި ކުރެވުނު މުއާމަލާތްތަށް ހިއްސާކުރުމަށް ޓީޓީއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއީ ރާއްޖޭގެ ކޯޓަކުން ބެލޭނެ މައްސަލައެއް ނޫންކަމަށް ޓީޓީއޭއެމްގެ ގާނޫނީ ވަކީލު މުޙައްމަދު ޖައުޝަން ވިދާޅުވިއެވެ. ޖައުޝަން ވިދާޅުވީ މިކަން ކޯޓު މަރުހަލާއެއްގައި އޮތް ނަމަވެސް ގާނޫނީ ގޮތުން މިކަމަށް ފިޔަވަޅެއް އެޅިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ޓީޓީގެ މުސްތަގުބަލު އަނދިރިވެދާނެ ފަދަ ގޮތަކަށް ރާއްޖޭގެ އެއްވެސް ކޯޓަކުން ވެސް މައްސަލަ ނުނިންމަވާނެ ކަމަށެވެ.

މިމައްސަލައިގެ ވަގުތީ އަމުރެއް ނެރުމަށް ބާއްވާ އަޑުއެހުން ހޯމަދުވަހުގެ މެންދުރު 1 ޖަހާއިރަށް ވަނީ ތާވަލުކޮށްފައެވެ.