ކުޅިވަރު

އައިޓީޓީއެފުން ރާއްޖެއަށް ފިޔަވަޅު އަޅާނެކަމަށްބުނެ ދައްކަމުންދަނީ ދޮގު ވާހަކަތަކެއް: ޢަލީ އާދަމް މަނިކު


ދުނިޔޭގެ ޓޭބަލް ޓެނިހުގެ ބައިނަލްއަގްވާމީ އިދާރާ އައިޓީޓީއެފުން ރާއްޖެއާއިމެދު ފިޔަވަޅު އަޅާނެކަމަށްބުނެ ދައްކާ ވާހަކަ ތަކަކީ، އިންސާފު ހޯދަން ކުރާ މަސައްކަތަށް ހުރަސްއެޅުމުގެ ބޭނުމުގައި ބައެއް ފަރާތްތަކުން ދައްކަމުންދާ ދޮގު ވާހަކަތަކެއް ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެކްސްކޯ މެމްބަރު ޢަލީ އާދަމް މަނިކު ބުނެފިއެވެ.

މިމަހުގެ އަށްވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ޓީޓީއޭއެމްގެ އިންތިޚާބުގެ މައްސަލަ ކޯޓަށް ހުށަހަޅައި މިހާރު އަޑުއެހުންތަށްވެސް ދަނީ ކުރިއަށެވެ. މިމައްސަލައަކީ ކޮމިޝަނާ އޮފް ސްޕޯޓްސްއާ ކުޅިވަރާބެހޭ ގައުމީ މަޖިލީހާއި އެކުގައިވެސް މިނިވަން އިންސާފުވެރި އިންތިޚާބެއްގެ ގޮތުގައި ޓީޓީއޭއެމްގެ އިންތިޚާބު ބޭއްވިދާނެކަމަށް ގަބޫލުނުކުރެވޭކަމަށްބުނެ އިންތިޚާބުގައި ފަރުދީ މެމްބަރ ރިޕްރެޒެންޓޭޓިވްގެ މަގާމަށް ވާދަކުރައްވާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ހުށަހެޅުއްވި މައްސަލައެކެވެ.

މިކަމާއި ގުޅިގެން އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އިސްމާއިލް ސުޖާއުވަނީ، ކޯޓު މަރުޙަލާއިން ނިންމަޖެހޭ އިންތީޚާބުގެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، އެއީ ޓީޓީ އާއިލާގެ ބަޔަކު އަމިއްލަ މަސްލަހަތު އިސްކޮށްގެން ކުރަމުންދާ މަސައްކަތެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ޓީޓީއޭއެމްގެ އިންތިޚާބަށް ކޯޓުން އަމުރެއް ނެރެފިނަމަ ނުވަތަ ޓީޓީއޭއެމްގެ އިންތިޚާބީ މައްސަލައެއްގައި ކޯޓުން ހުކުމެއް ކޮށްފިނަމަ އައިޓީޓީއެފްއިން ރާއްޖެއަށް ސަސްޕެންޝަނެއް އައުން އެކަށީގެންވާކަމަށް ވިދާޅުވެފައެވެ.

މިވާހަކަތަކަށް ރައްދުދެމުން އަލީ އާދަމް ނެރުނު ބަޔާނުގައިވަނީ، މިއީ އިންސާފު ހޯދަން ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ދައްކާ ވާހަކަތަކެއް ކަމަށެވެ. ކުރީގެ ގައުމީ ޗެމްޕިއަން ތާޅަފިލި އަލިބެ ނެރުނު ބަޔާނުގައި ވަނީ، ރާއްޖޭގެ ޓީޓީއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށް އަދި ކުރިއަށް އޮތްތަނުގައިވެސް ގިނަ ޚިދުމަތްތަކެއް ކޮށްދިނުމުގެ އަޒުމުގައި މަސައްކަތް ކުރަމުންދާ ފަރާތެއްގެ ހައިސިއްޔަތުން، އެފަދަ ބޮޑު ގެއްލުމެއް ޓީޓީއަށް ލިބެން ބޭނުން ނުވާކަމަށާއި، އެހެންކަމުން މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން، އައިޓީޓީއެފްއަށް މައްސަލައިގެ ތަފްސީލު ހިއްސާކޮށް އެފަރާތުން މިކަމާއިމެދު ދެކޭގޮތް ސާފުކޮށްފައިވާކަމަށެވެ.

އެގޮތުން އައީޓީޓީއެފްއަށް ފޮނުވި ސިޓީގެ ޖަވާބުގައި، އެއިދާރާގެ ރައީސް މިސްޓަރ ތޯމަސް ވައިކާޓްގެ ފަރާތުން ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނަށާއި، އެސޯސިއޭޝަންގެ ރައީސަށް ކޮޕީކޮށް އަލިބެއަށް ފޮނުވި ލިއުމުގައި، ޓީޓީއޭއެމްގެ އިންތިޚާބުގެ ކަންކަމަކީ އިންޓާނަލް އިޝޫއެއްކަމަށް ބުނެފައިވާކަމަށެވެ. އަދި އައިޓީޓީއެފްގެ ރައީސް ވައިކާޓް އާއިއެކު ކުރެވުނު މުޢާމަލާތްތަކުގައި އެސޯސިއޭޝަންގެ އިންތިޚާބުގެ ކަންކަމާއި ގުޅިގެން މައްސަލައެއް ކޯޓަށް ހުށަހަޅައި ކޯޓުން އެމައްސަލާގައި ގޮތެއް ނިންމުމަކީ އެސޯސިއޭޝަނާއިމެދު އައިޓީޓީއެފްއިން އެއްވެސް ފިޔަވަޅެއް އަޅާނެ ކަމެއް ނޫންކަމަށް ވަރަށް ސާފުކޮށް ވިދާޅުވެފައިވާކަމަށެވެ.

އަލީ އާދަމް ނެރުނު ނޫސްބަޔާނުގައި ބުނެފައިވާނީ ޓީޓީއޭއެމްގެ ކުރިއަށްއޮތް އިންތިޚާބުގެ މައްސަލަ ކޯޓަށް ހުށަހެޅީ، އެއިންތިޚާބު މިނިވަން ދެފުށްފެންނަ އިންތިޚާބަކަށް ހައްދަވައިދެއްވުން އެދި ޤާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ ކުޅިވަރާއިބެހޭ އެންމެހާ ފަރާތްތަކަށް ހުށަހެޅުމަށްފަހު އެކަށީގެންވާގޮތެއްގައި އެކަން ކޮށްދޭން އެފަރާތްތަކުން އުޒުރުވެރިވެ އެހުރިހާ ދޮރެއް ބަންދުވުމުން، އެފަރާތްތަކުން އިންސާފުލިބޭނެކަމަށް ގަބޫލު ނުކުރެވޭތީ ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

ނަމަވެސް މިކަމުގައި ޓީޓީއޭއެމް އަދިވެސް ބުނަމުން އަންނަނީ އިންތިޚާބުގެ ކަންކަން ނިންމަމުން އަންނަނީ މިނިވަން މުސްތަޤިއްލު ކަމާއިއެކު މަސައްކަތް ކުރަމުން އަންނަ އިލެކްޓޯރަލް ކޮމިޓީއަކުން ކަމަށާއި، އިންތިޚާބުގެ އެއްވެސް ކަމެއްގައި އެއްވެސް މައްސަލައެއް އުޅޭކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި އިންތިޚާބު ބޭއްވުމުގައި އެއްވެސް ހުރަހެއް ނެތްކަން ކޮމިޝަނާ އޮފް ސްޕޯޓްސްއާ ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ބުނެފައިވާ ކަމަށާއި އެކަންކަން ފުރިހަމައަށް އައިޓީޓީއެފަށް ވެސް ހިއްސާކުރަމުން އަންނަކަމަށެވެ.

ޢަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ވަނީ މިމައްސަލާގައި ރާއްޖެ ސަސްޕެންޑް ކޮށްފާނެކަމަށް ދެކެވޭ ވާހަކަތަށް ކުށްވެރިކޮށްފައެވެ. އަދި ހަގީގަތާއި ޚިލާފު ވާހަކަތަކުގެ ސަބަބުން އިންތިޚާބުގައި އަލިބެއަށް ތާއީދުކުރާ ފަރާތްތަކުގެ ހިތްތަކުގައި ނުރަނގަޅު ތަސައްވަރެއް އުފެދޭނެ ކަމަށާއި، މިފަދަ ދަށުދަރަޖައިގެ އަމަލު ވަގުތުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.