ކުޅިވަރު

ޔޫއޭއީ އާއެކު ގައުމީ ފުޓްބޯޅަ ޓީމުން އެކުވެރިކަމުގެ މެޗުތަކެއް ކުޅެނީ


ރާއްޖޭގެ ގައުމީ ފުޓުބޯޅަ އަންހެން އަދި ފިރިހެން ޓީމަށް ޔޫއެއީ އާއިއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ހަމަޖެހިއްޖެއެވެ.

ޔޫއޭއީ އާއި އެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ހަމަޖެހުނީ މިދިޔަ މަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ޔޫއޭއީގެ އެފްއޭގެ ރައީސް ރަޝީދު ބިން ހުމައިދް އަލް ނައުމީ އާއެކު ބޭއްވި ބައްދަލުވުމަށްފަހު ކަމަށެވެ.

ބައްސާމް ވިދާޅުވީ މިދިޔަ 12 ވަނަ ދުވަހު ޔޫއޭއީގެ އެފްއޭގެ ރަޢީސް އާއިއެކު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، އަދި މީގެ އިތުރުންވެސް ރާއްޖޭގެ ފުޓުބޯޅަ އިތުރަށް ތަރައްގީކުރުމަށް ކުރެވިދާނެ ބައެއް ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން އިންފްރާސްޓްރަކްޗާ އިތުރަށް ތަރައްގީ ކުރުމަށާއި، ދިވެހި ކޯޗުންނާއި ރެފްރީންނަށް ފަހި ފުރުސަތުތަކެއް ހޯދުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.

ބައްސާމް ވިދާޅުވީ، ކޯވިޑް-19 އާއި ގުޅިގެން ގައުމުތަކުގެ ކުޅިވަރު ހަރަކާތްތަށް ހުއްޓިފައި އޮތުމުންނާއި، ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން އަދި މި މެޗުތަށް ކުޅޭނެ ތަރީހެއް ކަނޑައަޅާފައި ނުވާކަމަށެވެ. ނަމަވެސް ޔޫއޭއީއަކީ އޭޝިއާގެ ވަރުގަދަ ގައުމަކަށް ވުމުން، އެގައުމާއިއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ލިބުމަކީ ގައުމީ އަންހެން އަދި ފިރިހެން ޓީމަށްވެސް ލިބުނު ރަނގަޅު ފުރުސަތެއްކަން ބައްސާމް ފާހަގަކުރެއްވިއެވެ.

ކުރިން ހަމަޖެހިފައި އޮތްގޮތުން ގައުމީ ފިރިހެން ޓީމަށް މިއަހަރު ބާކީ އޮތީ ފީފާ ވަރލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގެ މެޗުތަކެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން އެ މެޗުތަށްވެސް ފީފާ އާއި އޭއެފްސީން މަޝްވަރާކުރުމަށްފަހު ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި ގައުމީ ޓީމަށް ރަސްމީ އެއްވެސް މެޗެއް ނޯންނާނެއެވެ.