ކުޅިވަރު

ރިލީސް ކްލޯސް ނުދައްކާ މެސީއަށް ކްލަބު ބަދަލު ނުކުރެވޭނެ: ލަލީގާ


ބާސެލޯނާގެ ކޮންޓްރެކްޓްގައި ވާގޮތަށް ރިލީސް ކްލޯސް ނުދައްކާ މެސީއަށް ކްލަބު ބަދަލު ނުކުރެވޭނެކަމަށް ލަލީގާއިން ބުނެފިއެވެ.

19 އަހަރަށްފަހު ބާސެލޯނާ ދޫކޮށްލަން މެސީ ބޭނުންވާކަން އޭނާ ހާމަކޮށްފައިވާއިރު، ކުލަބު ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން މެސީ ބޭނުންވަނީ ކޮންޓްރެކްޓްގައި ހިމަނާފައިވާ މާއްދާއެއްގެ ދަށުން، ހިލޭ އޭޖެންޓެއްގެ ގޮތުގައެވެ. އެ މާއްދާގައިވާގޮތުން ކޮންމެ ސީޒަނެއް ނިމުމަށްފަހު މެސީ ބޭނުންނަމަ ފްރީ ޓްރާންސްފާއެއްގައި އެހެން ކުލަބަކަށް ބަދަލުވެވޭނެއެވެ. ނަމަވެސް ބާސެލޯނާއިން ބުނަމުން އަންނަނީ އެމާއްދާގެ މުއްދަތު މިދިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވެފައިވާކަމަށެވެ.

މިމައްސަލާގައި މެސީގެ ލީގަލް ޓީމުން ބުނަމުން އަންނަނީ ކޯވިޑް-19 އާއި ގުޅިގެން ސީޒަން ދިގުލައިގެން ދިއުމުން، ހޫނުމޫސުމުގެ ޓްރާންސްފާ ނިމުމުގެ ކުރިން މެސީއަށް ފްރީ ޓްރާންސްފާއެއްގައި އެހެން ކުލަބަކަށް ބަދަލުވެވޭނެކަމަށެވެ.

މިކަމުގައި ސްޕެނިޝް ލީގުން ބުރަވަނީ ބާސެލޯނާގެ ކޮޅަށެވެ. އެގޮތުން އާދީއްތަ ދުވަހު ލަލީލާގައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެސީގެ ރިލީސް ކްލޯސް އެއްގެ ގޮތުގައި ބާސެލޯނާއިން ބުނާގޮތަށް 700 މިލިއަން ޔޫރޯ ނުދައްކައި އޭނާއަށް ކުލަބު ބަދަލުކުރެވޭނެ ކަމަށް ގަބޫލުނުކުރާކަމަށެވެ.

ރިޕޯޓްތަށް ބުނާގޮތުން ލަލީގާއިން މިގޮތަށް ބުނީ، މެސީ ބާސާގައި ބަހައްޓަން ލީގުން ބާރުއެޅުމުގެ ގޮތުންނެވެ. ސަބަބަކީ މެސީ ބާސެލޯނާ ދޫކޮށްލައިފިނަމަ ދެން އޭނާ ގުޅުން އެންމެ ގާތް ކުލަބަކީ އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީ ކަމަށްވުމުން، ލަލީގާ ނޫން އެހެން ލީގެއްގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކުޅެން ލަލީގާއިން ބޭނުން ނުވުމުން ކަމަށް ގިނަ ފަރާތްތަކުން ސިފަކުރެއެވެ.

ބާސާ ދޫކޮށްލަން ބޭނުންވާކަން ހާމަކޮށް އެކުލަބުގެ ޕްރީ ސީޒަން ފަރިތަކުރުންތަކުގައިވެސް މެސީ ބައިވެރިއެއްނުވެއެވެ. އަދި ފަރިތަކުރުންތަށް ފެށުމުގެ ކުރިން ކޯވިޑް-19 އަށް ޓީމުގެ ކުޅުންތެރިން ޓެސްޓު ކުރިއިރުގައިވެސް މެސީ ބައިވެރިވެފައެއްނުވެއެވެ.