ޚަބަރު

މާލެ-ހުޅުލޭ ބްރިޖްގެ ފައިނަލް ޑިޒައިން މާދަމާރޭ ދައްކާލަނީ


ޗައިނާ ސަރުކާރުގެ އެހީގައި މާލެއާއި ހުޅުލެއާއި ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖްގެ ފައިނަލް ޑިޒައިން މާދަމާރޭ އޮންނަ ޚާއްސަ ހަފުލާއެއްގައި ދައްކާލުމަށް ހަމަޖެހިފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ. ބްރިޖްގެ ފައިނަލް ޑިޒައިން ދައްކާލުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތު އޮންނާނީ މާދަމާރޭ 20:30ގައި ރާޅުގަނޑު ސަރަހައްދުގައެވެ. މި ޚާއްސަ ހަރަކާތާއި ގުޅޭގޮތުން ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާދަމާރޭ ބްރިޖްގެ ފައިނަލް ޑިޒައިން ދައްކާލުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްކަމަށެވެ. އަދި އެރަސްމިއްޔާތުގައި ބްރިޖާއި ގުޅޭ ޚާއްސަ ކަންތައްތަކެއް އިޢުލާން ކުރެވިގެންދާނެކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރ ނުދެއްވައެވެ. ހައުސިންގ މިނިސްޓްރީއާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕީ.އާރު ކޯރޕަރޭޝަން، އެމް.އެމް.ޕީއާރު.ސީން އިންތިޒާމްކޮށްގެން ރާޅުގަނޑު ސަރަހައްދުގައި ބާއްވާ މި ޚާއްސަ ރަސްމިއްޔާތަކީ، އާއްމުންނަށް ހުޅުވާލައިގެން ބާއްވާ ރަސްމިއްޔާތެއްކަމަށާއި، މި ރަސްމިއްޔާތުގައި ހުރިހާ ފަރާތަކަށްވެސް ބްރިޖްގެ ފައިނަލް ޑިޒައިން ބަލާލުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ. މާލެއާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމަށް 300 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، ބްރިޖް އެޅުމާއި، ބްރިޖް އޮޕަރޭޓް ކުރުމުގައިވެސް ޗައިނާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ބްރިޖްގެ މަޝްރޫއަށް ފައިސާ ހަމަޖެއްސުމާބެހޭ އެއްބަސްވުމަކާއި، ބްރިޖްގެ ކޮންސްޓްރަކްޝަން ސްޓޭޖްގެ މަސައްކަތްތަކާއި ގުޅޭ އެއްބަސްވުމެއްގައި ޗައިނާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ސޮއިކޮށްފައެއެވެ. ބްރިޖް މަޝްރޫއަށް 300 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ސަރުކާރުން ހާމަކޮށްފައިވާއިރު، މި އެއްބަސްވުންތަކުގެ ދަށުން މީގެތެރެއިން 100 މިލިއަން ޑޮލަރު ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ވަނީ ހަމަޖެހިފައެވެ. އަދި ޗައިނާ ސަރުކާރުގެ ސޮފްޓް ލޯނުގެ ގޮތުގައި 170 މިލިއަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވާއިރު، 30 މިލިން ޑޮލަރު ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކުރުމަށް ނިންމާފައިވެއެވެ.މި އަހަރުގެ ތެރޭގައި މަސައްކަތް ފަށާ، ދެ އަހަރު ދުވަހުގެ ތެރޭގައި ބްރިޖްގެ މަސައްކަތް ނިންމުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ. މާލެއާއި ހުޅުލެއާއި ދެމެދު އަޅާ މި ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރ އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެއެވެ. ބްރިޖް ޑިޒައިން ކޮށްފައިވަނީ، ދެކޮޅަށް ވެހިކަލް ދުއްވާ ދެ ލޭން އާއި، ސައިކަލްތަކަށް ވަކި ލޭން އަކާއި، ބައިސްކަލަށް ވަކި ލޭން އެއްގެ އިތުރުން، ހިނގާފައި އުޅޭ ފަރާތްތަކަށް ވަކި ލޭން އެއް ހިމެނޭ ގޮތަށެވެ.