ކުޅިވަރު

އެފްއޭއެމްގެ އިންތިޚާބު ބަލައިގަންނަ ކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވެއްޖެ


ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބު ބަލައިގަންނަ ކަމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަދުވަހުގެ ޖަލްސާގައި އެފްއޭއެމްގެ މައްސަލާގައި މެމްބަރުން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ، ރާއްޖޭގެ އެއްވެސް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިޚާބު ހުއްޓުވުމުގެ ބާރެއް ކުޅިވަރާއިބެހޭ ވުޒާރާއަށް ލިބިގެންނުވާކަމަށާއި، އަދި ގާނޫނުން ބޭރުން އެއްވެސް ގައުމީ އެސޯސިއޭޝަނެއް ނުހިންގާ ކަމަށެވެ. އަދި އެގޮތަށް އެސޯސިއޭޝަނެއް ހިނގާނަމަ އެކަން ކުޅިވަރާބެހޭ ވުޒާރާގެ ސަމާލުކަމަށް ސްޕޯޓްސް ކޮމިޝަނުން ގެނެސްދެއްވާނެ ކަމަށާއި، ކުލަބު ޖަމްޢިއްޔާތަކުގެ ބެލެނިވެރި ފަރާތަކީ އެއީކަމަށެވެ.

މިނިސްޓަރ މަހުލޫފް ވިދާޅުވީ، ރާއްޖޭގެ ގާނޫނު އަސާސީ އާއި ކުޅިވަރު ގާނޫނާއި ޚިލާފަށް ގައުމީ އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިޚާބެއް ހުއްޓުވުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންނުވާ ކަމަށެވެ. އަދި މަޖިލީހުގެ އިޖުތިމާއި ކޮމިޓީން އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދިނުމަށް އެދުމުން، ކޮމިޓީގެ އެދުމުގެ މަތީން އެގޮތަށް އެފްއޭމަށް ސިޓީއެއް ފޮނުވި ކަމަށާއި، ނަމަވެސް އިންތިޚާބު ފަސްކުރުމުގެ ފުރިހަމަ ބާރު ލިބިގެންވަނީ އެފްއޭއެމްއަށް ކަމަށެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ އެފްއޭއެމްގެ އިންތިޚާބު ފީފާއާއި އޭއެފްސީންވެސް ބަލައިގަންނަ ކަމަށާއި، ކުޅިވަރާބެހޭ ވުޒާރާއިންވެސް އިންތިޚާބު ބަލައިގަންނަ ކަމަށެވެ. އަދި ކޮމިޝަނާއޮފް ސްޕޯޓްސްއިން އެކަން ލިއުމުން އެފްއޭއެމްއަށް އަންގާނެ ކަމަށްވެސް ކުޅިވަރާބެހޭ ވަޒީރު ވިދާޅުވިއެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ ޚިޔާލުތަފާތުވާ ކަންކަން އެބަހުރި ކަމަށައި، ނަމަވެސް އެފްއޭއެމްގެ އިންތިޚާބުގައި މައްސަލައެއް އުޅޭކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ބައިވަރު ގާނޫނުތަކާއި ގަވާއިދުތަށް ހެދިފައިވާ ކަމަށާއި، ނަމަވެސް އެއިން ކަމަކާއި ޚިލާފަށް ކަމެއް ކުރެވޭ ކޮންމެ ފަހަރަކު އެ އެސޯސިއޭޝަނެއް ބަލައިނުގަނެ އުވާލަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާކަމަށްވެސް މިނިސްޓަރ މަހުލޫފު ވިދާޅުވިއެވެ.

އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދިނުމަށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިނިސްޓްރީގައި އެދުނީ، އެފްއޭއެމްއާ ދޭތެރޭގައި ގާނޫނާއި ގަވާއިދުގެމަތީން ފިޔަވަޅު އަޅައިދިނުމަށްއެދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރަޢީސް ޢަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ކޮމިޓީން އިތުރަށް ދިރާސާ ކުރަމުންދާތީއެވެ. އިޖުތިމާއީ ކޮމިޓީންވަނީ އެފްއޭއެމްގެ މެނޭޖްމަންޓާއި، ޔޫތު މިނިސްޓްރީގެ އިސްބޭފުޅުން ވަކިން ހާޒިރުކޮށް ސުވާލު ކޮށްފައެވެ.

އެފްއޭއެމްގެ މައްސަލައިގައި މެމްބަރު ޢަލީ އާޒިމްވަނީ، އެއިދާރާއިން އިންތިޚާބު ބޭއްވީ ސަރުކާރަށް ގޮންޖަހައި ގާނޫނާއި ގަވާއިދުތަކާއި ޚިލާފަށް ކަމަށް ސިފަކުރައްވާފައެވެ.