ޚަބަރު

މަހްފޫޒަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި


ޤާނޫނީ ވަކީލް މަހްފޫޒް ސައީދަށް ދިން ނުރައްކާތެރި ހަމަލާ ތަހްޤީޤުކޮށް، އެކަމުގައި ޝާމިލުވާ ފަރާތްތައް ހޯދާނޭކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަހްފޫޒަށް ދިން ހަމަލާ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި، އަދި މި ޖަރީމާ ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަވާނޭކަމަށެވެ. ޚާރިޖީ ވަޒީރު ދުންޔާ މައުމޫނުވެސް މިއަދު ވަނީ މަހްފޫޒަށް ދިން ނުރައްކާތެރި ހަމަލާ ކުށްވެރިކުރައްވާފައި. އެކަމަނާ ކުރެއްވި ޓްވީޓުގައިވެސް ވަނީ މިނުރައްކާތެރި އަމަލު ހިންގި ފަރާތްތައް ހޯދާ، އިންސާފުގެ ކުރިމައްޗަށް ގެންނަވާނޭކަމަށެވެ. ޤާނޫނީ ވަކީލު މަހްފޫޒު ސައީދުގެ ބޮލަށް ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި މާވެޔޮމަގު، ވާދީ ފްރެޝް ފިހާރަކައިރީގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.  އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ދަނީ މިމައްސަލަ ތަހްޤީޤްކުރަމުންނެވެ.