ކުޅިވަރު

ހެރީ މެގުއާ އޭނާއަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފި


ގްރީސްގެ މައިކޯނޯސްގައި ހިނގާދިޔަ ހަމަނުޖެހުންތެއްގައި ހައްޔަރުކުރި މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށްފިއެވެ.

ގްރީސްގެ ފުލުހުން މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާ ހައްޔަރުކުރީ މައިކޯނޮސްގެ ބާއެއްގައި ހިނގާދިޔަ ހަމަނުޖެހުންތަކެއްގެ ތެރެއިން، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހަކަށް އަނިޔާދިން މައްސަލާގައެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، މައިކޯނޮސްގެ ބާއެގައި ދެގުރޫޕެއްގެ ދެމެދުގައި ހިނގާދިޔަ ހަމަނުޖެހުންތަކެއް ހުއްޓުވަން އުޅުމުގެ ތެރޭގައި، ފުލުހުންނާ ޖަދަލުކޮށް، އަމުރަށް ނުކިޔަމަންތެރިވެ، ފުލުސް އޮފިސަރަކަށް އަނިޔާ ދިނުމުގެ ސަބަބުން ތިންމީހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުލުސް އޮފިސަރަށް އަނިޔާކުރީ، ހައްޔަރުކުރި މީހުންގެ ތެރެއިން ސީދާ ކާކުކަމެއް ފުލުހުން ބުނެފައެއްނުވެއެވެ.

ހައްޔަރުކުރި ތިންމީހުންގެ ތެރޭގައި ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރު ހެރީ މެގުއާ ހިމެނޭކަން މިހާރު އޭނާގެ ކުލަބުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މެންޗެސްޓަރ ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ، ކެޕްޓަން ހެރީ މެގުއާ ވާހަކަ ދެކެވިފައިވާކަމަށާއި، އޭނާ އަންނަނީ މައްސަލާގައި ކަމާބެހޭ ފަރާތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެމުން ކަމަށެވެ. ނަމަވެސް މިމައްސަލާގައި އަދި ކުލަބުން އިތުރު އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާކަމަށް ބަޔާނުގައިވެއެވެ.

ފުލުހުން މިހާރު މިމައްސަލަ ތަހުގީގުކުރަން ފަށާފައިވާއިރު މެގުއާގެ ލޯޔަރު ބުނެފައިވަނީ، މައްސަލާގައި މެގުއާއަށް ކޮށްފައިވާ ތުހުމަތުތަކަށް އޭނާ އިންކާރުކޮށްފައިވާ ކަމަށާއި، ވަރަށް އަވަހަށް އޭނާ މިނިވަންވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.