ކުޅިވަރު

ދޯނީ ގައުމީ ޓީމުން ރިޓަޔާކޮށްފި


އިންޑިއާގައި އުފެދުނު އެންމެ ކާމިޔާބު ކްރިކެޓް ކެޕްޓަން މަހިންދްރަ ސިންގް ދޯނީ ގައުމީ ޓީމުން ރިޓަޔާކޮށްފިއެވެ.

ދޯނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިޢުލާންކުރީ އިއްޔެ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ. ދޯނީ ކުރި ޕޯސްޓުގައި އޭނާ ބުނީ، ގައުމީ ޓީމުން އޭނާ ރިޓަޔާކުރަން ނިންމާފައިވާ ކަމަށާއި، ސަޕޯޓަރުންގެ ފަރާތުން ލިބުނު އިހުތިރާމާއި ލޯތްބަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ.

މަހިންދްރަ ސިންގް ދޯނީ އެންމެ ފަހުން ޤައުމީ ޓީމަށް ކުޅުނީ މިދިޔަ އަހަރުގެ ފަންސާސް އޯވަރު ވަރލްޑް ކަޕުގައެވެ. އޭނާވަނީ ގައުމީ ޓީމަށް 90 ޓެސްޓް މެޗާއި، 350 ވަން ޑޭ އިންޓަނޭޝަނަލް އަދި 98 ޓީ ޓްވެންޓީ މެޗު ގައުމީ ޓީމަށް ކުޅެދީފައެވެ.

ދޯނީ އިންޑިޔާގެ ގައުމީ ޓީމަށް ކުޅެން ފެށީ 2004 ވަނަ އަހަރުން ފެށިގެންނެވެ. އޭނާ ވަނީ އިންޑިއާއަށް 2007 ވަނަ އަހަރުގެ ޓީ ޓްވެންޓީ ވަރލްޑް ކަޕް، 2011 ވަނަ އަހަރުގެ 50 އޯވަރު ވަރލްޑް ކަޕް އަދި 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ޓްރޮފީ ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި 2009 ވަނަ އަހަރު ޓެސްޓް ކްރިކެޓް ރޭންކިންގެ އެއްވަނާގައި އިންޑިއާ ހިމެނުނު އިރުވެސް ކެޕްޓަނަކީ ދޯނީއެވެ.

ގައުމީ ޓިމަށް ކުޅުން ހުއްޓާލިނަމަވެސް އަދިވެސް ކްލަބް ލެވެލްގައި ދޯނީ ފެނިގެންދާނެއެވެ. ރިޕޯޓްތަށް ބުނާގޮތުން މިހާރު ދޯނީހުރީ އަންނަ މަހު ފަށާ ޕްރިމިއާ ލީގަށް ތައްޔާރުވުމަށް ޗެންނާއީ ސުޕާ ކިންގްސް އާއިއެކު ޔޫއޭއީގައެވެ.

ދޯނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ގުޅިގެން އޭނާ އަށް ހެޔޮއެދުންތައް އެހާރާއި މިހާރުގެ ކްރިކެޓް ކުޅުންތެރިން ދަނީ ފޮނުވަމުންނެވެ.