ކޯވިޑް-19

ކޯވިޑް-19 : ފަތުރުވެރިންނަށް ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް 5 ހޮސްޕިޓަލެއްގައި ހަމަޖައްސައިފި


ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކޯވިދޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް 5 ހޮސްޕިޓަލެއްގައި ހަމަޖައްސައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވަނީ ފަތުރުވެރިންނަށް ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކާއި، އެތަންތަނުން ޓެސްޓް ހަދައިދޭ އަގުތަކާއި، ގުޅޭނެ ނަންބަރު އާއްމުކޮށްފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި ހިމެނޭ 3 ހޮސްޕިޓަލަކާއި، ރާއްޖޭގެ އުތުރުން ކުޅުދުއްފުށި ސިޓީއާއި އެންމެ ދެކުނުން އައްޑޫ ސިޓީގައި ފަތުރުވެރިންނަށް ކޯވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް އެޗް.ޕީ.އޭއިން ވަނީ ހަމަޖައްސާފައެވެ.

ފަތުރުވެރިންނަށް ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ :

- އައި.ޖީ.އެމް.އެޗް : ޕީ.ސީ.އާރް ޓެސްޓް ހަދައިދޭ އަގަކީ 1534 ރުފިޔާ
- އޭ.ޑީ.ކޭ ހޮސްޕިޓަލް : ޕީ.ސީ.އާރް ޓެސްޓް ހަދައިދޭ އަގަކީ 1500 ރުފިޔާ
- ޓްރީޓޮޕް ހޮސްޕިޓަލް : ޕީ.ސީ.އާރް ޓެސްޓް ހަދައިދޭ އަގަކީ 2000 ރުފިޔާ
- ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް : ޕީ.ސީ.އާރް ޓެސްޓް ހަދައިދޭ އަގަކީ 1534 ރުފިޔާ
- އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް - ޕީ.ސީ.އާރް ޓެސްޓް ހަދައިދޭ އަގަކީ 1534 ރުފިޔާ

އެޗް.ޕީ.އޭއިން ވިދާޅުވީ، ފަތުރުވެރިން ކޯވިޑް-19ގެ ޓެސްޓް ހެދުމަށްޓަކާ މިއިން ހޮސްޕިޓަލަކަށް ދިއުމުގެ އެންމެ ލަސްވެގެން 48 ގަޑިއިރުކުރިން އެ ފަތުރުވެރިއެއްގެ ސާމްޕަލް ފޮނުވަންވާނެކަމަށާއި، އަވަހަށް ސާމްޕަލްތަކުގެ ނަތީޖާ ލިބޭނީ އެ އުޞޫލުން ޢަމަލުކޮށްގެން ކަމަށެވެ. އަދި ޓެސްޓް ހެދުމަށްޓަކާ އެ ފަތުރުވެރިއެއްގެ ޓްރެވަލް އިނިޝިއަރީ ޑޮކިއުމަންޓްގެ ކޮޕީއަކާއި، ލެބޯޓްރީން އެދޭ އެހެނިހެން ލިޔެކިޔުންތައްވެސް ހުށަހަޅަންޖެހޭނެކަމަށް އެ އެޖެންސީން ވިދާޅުވެފައިވެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ގާތްގަނޑަކަށް 3 މަސް ދުވަހަށް ބަންދުކުރުމަށްފަހު، އަލުން ބޯޑަރު ހުޅުވާލާފައިވަނީ މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. މިއާއެކު މިހާތަނަށް 7000 އަށްވުރެ ގިނަ މީހުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ފަތުރުވެރިކަން އަލުން ހުޅުވާލުމާއެކު ރާއްޖޭގެ ބައެއް ރިސޯޓުތައް އޮޕަރޭޓްކުރަން ފަށާފައިވާއިރު، މިވަގުތުވެސް ރާއްޖޭގެ 8 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އެގޮތުން އެ އެޖެންސީން އެންމެފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ 8 ރިސޯޓަކުން 6 ފަތުރުވެރިއަކާއި 12 މުވައްޒަފަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ފަތުރުވެރިންނަށް ކޯވިޑް-19 އަށް ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް 5 ހޮސްޕިޓަލެއްގައި މިހާރު ހަމަޖައްސާފައިވާއިރު، ސަފާރީ ބޯޓުތަކުން ދަތުރުކުރާ ފަތުރުވެރިންނަށް ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހުޅުމާލޭ ފެރީ ޓަރމިނަލް ހިމެނޭ ސަރަހައްދުގައި ދާދިފަހުން ވަނީ ހަމަޖައްސާފައެވެ.