ޚަބަރު

އިޖްތިމާޢީ އަދާލަތު ޤާއިމުކުރުމުގައި ކަރެކްޝަންގެ ދައުރު މުހިއްމު: ނައިބު ރައީސް


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއަކީ ރާއްޖޭގެ އަމަންއަމާންކަމާއި އިޖްތިމާޢީ އަދާލަތު ޤާއިމުކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އިދާރާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ކަރެކްޝަނަލް ސަރވިސްގެ 49 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ވީޑިއޯ މެދުވެރިކުރައްވާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

ކަރެކްޝަނަލް ސަރވިސްއަކީ ޤާނޫނު ތަންފީޒުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ފަރާތެއް ކަމަށާއި، ޤައިދީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އެމީހުނަށް ތަޢުލީމާއި ތަމްރީން ދިނުމަށްފަހު މުޖުތަމަޢަށް ނެރުމަށް ކުރަމުން ގެންދާ މަސައްކަތްތައް ނައިބު ރައިސްގެ މެސެޖްގަޢިވަނީ ފާހަގަކުރައްވާފައެވެ. އަދި ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށް އެއިދާރާއިން ކުރައްވާ މަސައްކަތްތައް ފާހަގަކޮށް އެއިދާރާގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ނައިބު ރައިސްވަނީ ޝުކުރުއަދާކުރައްވާފައެވެ.

ކަރެކްޝަނަލް ސަރވިސްގެ އަހަރީ ދުވަހާއި ގުޅިގެން މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ އިމްރާން ޢަބްދުﷲ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ބޮޑެތި ނުރައްކާތެރި ކުށްވެރިން ބެލެހެއްޓުމަކީ ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވާ ނުރައްކަލާ ކޮންމެ ދުވަހަކު ކުރިމަތިލާ އޮފިސަރުންގެ އަގު ވަޒަންކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ކުށްވެރިން ބެލެހެއްޓުމުގެ ފަލްސަފާ މިއަދު ބަދަލުވެފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ޢިމްރާން ވިދާޅުވީ މިއަދު މަސައްކަތްކުރަމުންދަނީ ކުށްވެރިން ރިހިބިލިޓޭޓްކޮށް އަނބުރާ ނެރުމުގެ ފަލްސަފާގައިކަމަށެވެ. އަދި މިކަން ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއަށް 49 އަހަރު ފުރުމުގެ މުނާސަބަތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ދެއްވި މެސެޖުގައިވަނީ ގިނަ ގޮންޖެހުންތަކާއެކު ޖަލުތަކުގެ ހިންގުމަށް އެދެވޭ މުހިއްމު ގިނަ ހެޔޮ ބަދަލުތަކެއް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ގެނެވިފައިވާކަން ފާހަގަކުރައްވާފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ އަދުގެ އެމްސީއެސްއިން ކަނޑައަޅަންޖެހޭ އެންމެ މުހިއްމު ލަނޑުދަނޑިއަކީ މާޒީން ޢިބްރަތް ޙާސިލުކޮށް ޖަލުތަކުގެ ތޭރިތަކުގައި ތެރޭ މުޖުތަމަޢުން ހަވާސާވެފައިވާ މީހުން ބާކީކޮށްނުލާ މުޖުތަމަޢަށް އަނބުރާ ގަދަރުވެރިކަމާއެކު ރުޖޫޢުކޮށްދިނުންކަމަށެވެ. އަދި ޖަލުތަކުގެ ހިންގުމުގެ ނިޒާމަށް ގެނެވުނު ބޮޑު ބަދަލާއެކު މީހުން ރިހެބިލިޓޭޓްކުރުމުގެ މަސްއޫލިއްޔަތު ޤާނޫނުން މަތިކުރުމުގެ ސަބަބުން އެމަސައްކަތުގެ ބުރަކަމާއި ޒިންމާގެ ބޮޑުކަން ފާހަގަކޮށް އެމްސީއެސްގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާއެއްގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސްވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ޖަލު ބެލެހެއްޓުމުގެ ނިޒާމަށް 49 އަހަރު މިއަދު ފުރިފައިވާއިރު ވޭތުވެދިޔަ އަހަރުތަކުގައި ވަކި ޤާނޫނަކުން ބާރުލިބިފައިވާ މުވައްސަސާއަކަށްވަނީ އެމުއައްސަސާވަނީ ބަދަލުކޮށްފައެވެ. ކޯވިޑް-19އާއި ގުޅިގެން މިއަހަރު އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަނުކުރެވުނުނަމަވެސް އެމްސީއެސްއިންވަނީ ޖަލުތަކުގައި ސަލާމަތީ ފިޔަވަޅުތަކާއެކު ބައެއް ޙަރަކާތްތައް ކުރިއަށްގެންގޮސްފައެވެ. އެގޮތުން ކޮންމެ ޖަލެއްގައި އޮފިސަރުންނާއި މުވައްޒަފުން ޖަމާއަތުގައި ފަތިސް ނަމާދުކުރުމާއި ޚާއްސަ ދުޢާއެއްވަނީ ކޮށްފައެވެ. އަދި ދިދަ ނެގުމާއި އޮފިސަރުންނަށް މެޑަލް ދިނުމާއި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ގަޑި ނުޖެހި ހާޟިރީ އެންމެ ރަނގަޅު އޮފިސަރުންނާއި މުވައްޒަފުން ފާހަގަކޮށްވަނީ ހަނދާނީ ލިޔުންދީފައެވެ.

ޙުކުމް ތަންފީޛްކުރާ މުއްދަތުގައި ޤައިދީންނަށް ހެވާއި ނުބައި ދަސްކޮށްދީ އެމީހުނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނާއި ހުނަރު ދަސްކޮށްދިނުމާއެކު މުޖުތަމަޢަށް އެނބުރިދާއިރު ކުށް ނުކުރުމަށް އަޒުމުކަނޑައަޅައިގެން ތިބެ ނިކުންނަ ބަޔަކަށް ހެދުމަކީ ޤާނޫނުން ކަރެކްޝަނަލް ސަރވިސަސްއާއި މަތިކޮށްފައިވާ ޒިންމާއެކެވެ.