ޚަބަރު

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ކިޔެވުންތައް ނިންމާލައިފި


  • ފައިނަލްގައި 138 ދަރިވަރަކު ވަނީ ކިޔަވާފައި

  • އޮޑިޝަން ބުރުގައި 3050 ކުދިން ބައިވެރިވި

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުންތައް ނިންމާލައިފިއެވެ.

މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތަކީ މުބާރާތުގެ އޮނިގަނޑަށް މުހިންމު ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބާއްވާ ފުރަތަމަ މުބާރާތެވެ. އެހެން އަހަރުތަކާ ޚިލާފަށް އޮޑިޝަން ބުރުތަކެއް ކުރިއަށްގެންގޮސްފައިވާއިރު މާލޭގެ އިތުރުން 21 ރަށެއްގައި އޮޑިޝަންތައް ބާއްވާފައިވެއެވެ.

މި މުބާރާތުގެ އޮޑިޝަން ބުރުގައި 3050 ކުދިން ބައިވެރިވިއެވެ. އޭގެ ތެރެއިން އޮޑިޝަންގައި ކިޔަވާފައިވަނީ 2742 ކުދިންނެވެ. މި މުބާރާތުގެ ސެމީ ފައިނަލަށް 379 ދަރިވަރުން ދަތުރުކުރިއިރު ފައިނަލް ބުރަށް ދަތުރުކުރީ 140 ދަރިވަރުންނެވެ. ނަމަވެސް މުބާރާތުގެ ފައިނަލްގައި ކިޔަވާފައިވަނީ 138 ދަރިވަރުންކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވިއެވެ.

ފައިނަލް ބުރުގެ ކިޔެވުންތައް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ ބުދަދުވަހާއި ބުރާސްފަތި ދުވަހު ސަލްމާން މިސްކިތުގައެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ގަވާއިދަށް އަލަށް ގެނައި ބަދަލާއެކު މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ ތިން ބައިގެ ކިޔެވުމަށް އިންސާފު ކުރުމަށް ކަނޑައަޅާ ފަނޑިޔާރުންގެ 2 ޕެނަލްގައިވެސް ބައިނަލްއަޤުވާމީ ފެންވަރުގެ 1 ފަޑިޔާރަކު އިނެވެ.

މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ކޮންމެ އުމުރުފުރާއަކުންވެސް ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ބައިވެރިޔާ ހޮވާނެއެވެ. މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެ ބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު، މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެ ބައިން 1ވަނަ ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެހިރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ މުބާރާތަށް ހެދުމަށާއި، ޤައުމީ މުބާރާތަށް ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދު ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އަދި މި މުބާރާތުގައި ލިބޭ އިނާމްތައް ބޮޑުކޮށްފައިވާއިރު 3 ބައިންވެސް 1 ވަނަ އަށް ދާ ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕްއެއް ލިބެއެވެ.