މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ހުމާއި ރޯގާ އަދި ބޭރަށްހިންގުން ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ.
ހުމާއި ރޯގާ އަދި ބޭރަށްހިންގުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު މި ދުވަސްވަރު ވަނީ އިތުރުވެފައެވެ.
އެޗްޕީއޭއިން ވިދާޅުވީ، މިދުވަސްވަރަކީ ސްކޫލް ޗުއްޓީއަށް ރާއްޖެއިން ބޭރަށާއި، އަތޮޅުތަކަށް ދަތުރުފަތުރު ކުރުމާއި، ގޭގެއަށް ޒިޔާރަތްކުރުން އިތުރުވާނެ ދުވަސްވަރެއް ކަމަށެވެ. އެހެންކަމުން ހުމާއި ރޯގާއާއި ބޭރަށް ހިނގުމުން ސަލާމަތްވުމަށް ފަރުދީ ލެވެލްގައި ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އާންމުން ސަމާލުކަން ދޭންވީ ކަންކަން:
* ހުމާއި ރޯގާގެ އެއްވެސް އަލާމާތެއް ހުރެއްޖެނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަށް ދެއްކުން
* ގިނައިން ދިޔާއެއްޗެތި ބޭނުންކުރުން
* ރޯގާގެ އަލާމާތެއް ހުރިނަމަ، ނޭފަތާއި އަނގަ ނިވާވާނެހެން ރަނގަޅަށް މާސްކުއެޅުން
* އާންމު ތަންތަނުގައި އުޅޭއިރު، ގައިދުރުކަން ބެހެއްޓުން
* ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން
ރޯގާއާއި ހުމުން ރައްކާތެރިވުމަށް ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުމަށާއި ސައިބޯނި ލައިގެން އަތްދޮވުމަށް އެ އެޖެންސީން އިލްތިމާސްކުރެއެވެ. އަދި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށާއި ދުންފަތުގެ އިސްތިއުމާލުނުކުރުން، ގިނަގިނައިން ދިޔާއެއްޗެހި ދިނުމަށްވެސް އިރުޝާދު
ދީފައިވެއެވެ.
މީގެ އިތުރުން ޕެރެސެޓަމޯލް ފިޔަވާ އިތުރު ބޭހެއް އަމިއްލައަށް ބޭނުންނުކުރުމަށާއި ހުންއައިސްގެން ތިންދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް ހެލްތު ޕްރޮޓެކަޝަން އެޖެންސީން ވަނީ އިރުޝާދުދީފައެވެ.
ބޭރަށް ހިންގުމުން ރައްކާތެރިވުމަށް ސާފުބޯފެން ބުއިމަށް ބޭނުންކުރުމަށާއި ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯކޮށްކޮވޭ ކާނާ ރަނގަޅަށް ދޮވެގެން ބޭނުންކުރުމަށްވެސް އެ އެޖެންސީން އިލްތިމާސްކުރެއެވެ. އަދި ބޭރަށް ހިންގުން ޖެހިއްޖެނަމަ ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކޮށް ޚާއްސަކޮށް ލޮނުޕެކެޓް ބޭނުންކޮށް ދިޔާއެއްޗެހި ބޭނުން ނުކުރެވޭނަމަ ނުވަތަ މާބޮޑަށް ވަރުދެރަވާނަމަ ޑޮކްޓަރެއްގެ ލަފާހޯދުމަށްވެސް އިރުޝާދުދީފައިވެއެވެ.