ކުޅިވަރު

ހުރިހާ ގޮތަކުންވެސް މޮޅަށް ކުޅުނީ އަހަރުމެން: ނާގަލްސްމަން


ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ކުއާޓާ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ފުރަތަމަ ފަހަރަށް ސެމީ ފައިނަލުން ޖާގަ ހޯދީ ހުރިހާ ގޮތަކުންވެސް މެޗުގައި މޮޅަށް ކުޅެގެންކަމަށް ލިޕްޒިގްގެ ކޯޗު ނާގަލްސްމަން ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ނާގަލްސްމަން ބުނީ ފުރަތަމަ ހާފްގައި މާގިނަ ފުރުސަތު ނުލިބުނު ކަމުގައިވިޔަސް ލިޕްޒިގުން ރަނގަޅަށް ޑިފެންސް ކުރިކަމަށެވެ. އޭނާ ބުނީ ލިޕްޒިގުން އެޓޭކްތަކުގައި ނުރައްކާ ކުރިކަމަށާއި އެތުލިޓެކޯއަށް ވުރެގިނަ ފުރުސަތަކެއް މެޗުގައި ހޯދުނުކަމަށެވެ. ނާގަލްސްމަން ބުނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރުމަކީ އާދަޔާ ހިލާފް ކާމިޔާބެއްކަމަށެވެ. އޭނާ ބުނީ މެޗުގެ ފަހުވަގުތު ލަނޑު ޖެހުނީ ނަސީބުވެސް އެހީވެގެން ކަމަށެވެ.

މެޗުގެ ދެވަނަ ހާފްގައި އެތުލެޓިކޯއިން ނުރައްކާ ކުރި ނަމަވެސް ލިޕްޒިގްގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނުކަމަށާއި ހާއްސަކޮށް އެތުލެޓިކޯއިން މެޗުގެ ނަތީޖާ ހަމަހަމަކުރުމުންވެސް ހާސްވެ ތެޅިނުގަނެ ކުޅުނުކަން ނާގަލްސްމަން ފާހަގަކުރިއެވެ. އޭނާ ބުނީ ކުލަބުން ކުރިއެރުން ހޯދާލެއް ވަރަށް އަވަސްކަމަށެވެ.

ކުލަބް އުފެދި ބުންޑެސް ލީގަށް ކޮލިފައިވުމާއި އަދި ތިން އަހަރު ތެރޭގައި ޗެމްޕިއަންސް ލީގުގައި ވާދަކުރަމަކީ މިހާތަނަށް ހާސިލް ކުރެވުނު ކާމިޔާބީތައް ކަމުގައި 2009 ވަނަ އަހަރު އުފެދުނު ކުލަބުގެ ކޯޗު ބުންޏެވެ. އޭނާ ބުނީ މި ކާމިޔާބީގެ އުފާފާޅުކުރަން މިހާރު މާގިނަ ވަގުތެއް ނެތްކަމަށެވެ. އެހެންކަމުން ދެން ތައްޔާރުވުން އޮތީ ޕީއެސްޖީ މެޗަށްކަމަށް ކޯޗު ބުންޏެވެ. ނާގަލްސްމަން ބުނީ ޕީއެސްޖީ އަކީ ސްޓާރުންގެ ޓީމެއްކަމަށާއި އެމެޗު ފަސޭހަ ނުވާނެކަމަށެވެ.

މިއީ 2009 ވަނަ އަހަރު އުފެދުނު ލިޕްޒިގް ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެއެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ލިޕްޒިގް އަންނަ އަންގާރަ ދުވަހުގެ ރޭ ނުކުންނާނީ އެޓަލަންޓާ ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކުރި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާއި ދެކޮޅަށެވެ.