ރިޕޯޓް

އިޤްތިޞާދު ފުޅާކުރުމަށް ރިކަވަރީ ޓާސްކްފޯހެއް އެކުލަވާލައި މަޝްވަރާތައް ދަނީ ކުރެވެމުން: ޝައުނާ


ކޯވިޑް-19ގެ ޙާލަތުން އަރައިގަނެ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި ރިކަވަރީ ޓާސްކްފޯހެއް އެކުލަވާލައި އިޤުތިޞާދު ކުރިއެރުވޭނެ ދާއިރާތަކާގުޅޭގޮތުން މަޝްވަރާތައް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ ޕޮލިސީ، އާމިނަތު ޝައުނާ ވިދާޅުވީ، ކޯވިޑް-19އާއެކު ރާއްޖެއާއި ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ދަސްވި އެންމެ މުހިއްމު އެއްކަމަކީ އެންމެ ކަމެއްގެ މައްޗަށް ޤައުމު ބަރޯސާވާ ބަރޯސާވުމަކީ ޤައުމެއްގެ ތަރައްޤީ އާއި ކުރިމަގު ބިނާކުރުމަށް އެންމެ ފައިދާހުރި ގޮތްނޫންކަން ކަމަށެވެ. ރާއްޖެއަށް ބަލާނަމަ ރާއްޖޭގެ މުޅި އިޤްތިޞާދު ބަރޯސާވެފައި ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާގެ މައްޗަށްކަމުން، އެކަން ބަދަލުކުރަންޖެހިފައިވާކަން ކޯވިޑް-19 މި ޙާލަތުން ވަރަށް ބޮޑަށް ދަސްވެފައިވާކަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާވާ ބަރޯސާވުން ނިމުމަކަށް ގެނެސް، އެހެނިހެން ސިނާޢަތްތައް ކުރިއެރުވުމުކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މުހިއްމު ސިޔާސަތެއްކަމުން، އެކަން ތަންފީޒުކުރުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްދާކަމަށެވެ.

އެގޮތުން، ކޯވިޑް-19 ގެ މި ޙާލަތުން އަރައިގަނެ، ރާއްޖޭގެ އިޤްތިޞާދު ޑައިވާސް ކުރަން ނުވަތަ ސިންދަފާތުކުރުމަށްޓަކައި ޚާއްސަ ރިކަވަރީ ޓާސްކްފޯހެއް އެކުލަވާލާފައިވާކަމަށް ޝައުނާ ވިދާޅުވިއެވެ. އަދި މި ރިކަވަރީ ޓާސްކްފޯހުގެ މަސައްކަތްތައް 3 ވޯކިންގ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

"ރިކަވަރީ ޓާސްކްފޯހުގެ މަސައްކަތް 3 ގްރޫޕަކަށް ބަހާލައިގެން ކުރިއަށްއެބަދޭ. އެއީ ފިނޭންސްގެ ކަންކަމަށް ޚާއްސަ ގްރޫޕަކާއި، އިކޮނޮމީ ރިކަވަރީއަށް ޚާއްސަ ގްރޫޕެއްގެ އިތުރުން ސޯޝަލް ސެކްޓަރގެ ކަންކަމަށް ޚާއްސަ ގްރޫޕެއް. އަޅުގަނޑުމެން މިދަނީ ބަޖެޓްކޮށްފައި ހުރި މަޝްރޫޢުތަކަށް އިންވެސްޓްކުރާނެގޮތްތަކާއި، އިޤްތިޞާދު ފުޅާކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަނެ، ޢިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ ކަންކަމާގުޅޭގޮތުން ކަމުގެ ފަންނީ ތަޖުރިބާކާރުންނާއި ގުޅިގެން މަޝްވަރާތައް ކުރަމުން" ޝައުނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކާ ފުޅާކުރެވިދާނެ ދާއިރާތަކާގުޅޭގޮތުން ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްޤީކޮށް މަސްވެރިން ބާނާ މަހަށް އެކަށީގެންވާވަރުގެ ޢާމްދަނީއެއް ހޯދައިދިނުމަށްޓަކާ ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި އަދި ކަމުގެ ތަޖުރިބާކާރު މާހިރުންނާއެކު މަޝްވަރާކުރަމުން ދާކަމަށެވެ. އަދި ދަނޑުވެރިކަމުގެ ތެރެއިން ރިސޯޓުތަކަށް ބޭނުންވާ މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ މާކެޓް އިތުރުކޮށް، އެކި ސިނާޢަތްތަކުން މީހުން ބިނާކޮށް އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްވެސް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާކަމަށް ޝައުނާ ވިދާޅުވިއެވެ.

ރާއްޖޭގައި އުފައްދާ ހަކަތައިގެ ބޮޑު ބައެއްވެސް ބަރޯސާވަނީ ތެލަށްކަމުން، ހަކަތައިގެ ސިނާޢަތަކީވެސް ތިމާވެއްޓާ ރައްޓެހި ސިނާޢަތަކަށް ހެދުމަށް މަސައްކަތްކުރަމުންދާކަމަށާއި، އެގޮތުން ކަރަންޓް އުފެއްދުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަންވެސް ޝައުނާ ވަނީ ފާހަގަކުރައްވާފައެވެ.