ވިޔަފާރި

މަސްދޯނިފަހަރުގައި މޮނިޓަރިން ސިސްޓަމް ހަރުކުރުމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި


މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ވެސަލް މޮނިޓަރިން ސިސްޓަމް ހަރުކުރުމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ވެސަލް މޮނިޓަރިން ސިސްޓަމް ހަރުކުރުމަށް ފެށި މި މަޝްރޫޢު ކުރިޔަށް ގެންދަނީ ވޯލްޑް ބޭންކްގެ އެހީގައި، އެ ބޭންކްގެ "ސަސްޓައިނަބަލް ފިޝަރީޒް ރިސޯސަސް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ލައިސަންސް ލިބިފައިވާ މަސްވެރިކަންކުރާ އުޅަނދު ފަހަރުގެ ތެރެއިން މިކަމަށް އެދި ހުށައަޅާ އުޅަނދުތަކުގައި ވެސަލް މޮނިޓަރިން ސިސްޓަމް ހަރުކުރާނެކަމަށެވެ.

ލައިސަންސް ނަގައިގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުން މި ޚިދުމަތުގައި ރަޖިސްޓަރީވުމަށް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް މިކަމަށް އެދި ހުށަހަޅާ ފޯމު ދޫކުރަން މިހާރު ވަނީ ފަށާފައެވެ. ފޯމު ހުށަހެޅުމުގެ ސުންގަނޑިއެއް ކަނޑައަޅާފައެއް ނުވެއެވެ.

މިމަޝްރޫގެ ދަށުން އުޅަނދުފަހަރުގައި ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ހިމެނޭ ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ އުރީދޫ މޯލްޑިވްސްއިންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު އީމެއިލްކުރަން ޖެހޭނީ އުރީދޫއަށްކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

މިއީ އުޅަނދު ހަރަކާތްތެރިވަމުންދާ ސަރަޙައްދު ވަގުތުން ޓްރެކްކޮށް ބެލުމަށްޓަކައި ކުރެވޭ މަސައްކަތެއްކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އުޅަނދުފަހަރު ބަލަހައްޓާ ނިޒާމު ހަރުކުރުމުގެ މި މަޝްރޫޢުއަކީ މަސްވެރި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ބައިނަލްއަޤްވާމީ ގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެމަތިން ދިވެހި މަސްވެރިކަމަކީ ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދާ މަސްވެރިކަމަކަށް ހެދުމަށްޓަކައި، ފެއްޓެވި މަޝްރޫޢެއްކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މަޢުލޫމާތުދެއްވައެވެ.

މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އުޅަނދުފަހަރު މޮނިޓަރކުރާ ނިޒާމު ހަރުކުރުމަށް ހަމަޖެހިފައިވަނީ ލައިސަންސް ލިބިގެން ދޮށީގެ މަސްވެރިކަމާއި ބޮޑުކަންނެއްޔާއި އަތުނަނުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގައިކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.