ޚަބަރު

މުސާރަ ނުދެވޭ ޙާލަތަކަށް ނުދާނެ - މިނިސްޓަރ އަމީރު


ކޯވިޑް-19އާއި ގުޅިގެން އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއެކުވެސް މުވައްޒަފުންނަށް މުސާރަ ނުދެވޭނެ ޙާލަތަކަށް ނުދާނެކަމަށާއި، އިޖްތިމާޢީ އެއްވެސް ޚިދުމަތެއްވެސް ނުހުއްޓޭނެކަމުގެ ޔަޤީންކަން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީގައި މެންބަރުން ވަނީ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއެކު މުވައްޒަފުންނަށް މުސާރަ ނުދެވިދާނެކަމުގެ އެއްވެސް ބިރެއް އެބައޮތްތޯ ފިނޭންސް މިނިސްޓަރާއި ސުވާލު ކުރައްވާފައެވެ. އެސުވާލުތަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ރާއްޖޭގެ ރިޒާވް ދަށްވަމުން އަންނަކަމަށެވެ. ކޯވިޑް-19އާއި ގުޅިގެން މުޅި ދުނިޔެއަށް ދިމާވި އިޤްތިޞާދީ ޙާލަތުގެ އަސަރު ރާއްޖެއަށްވެސް ކޮށްފައިވާކަމަށާއި، މިއީ ހަމައެކަނި ރާއްޖޭގެ އިޤްތިޞާދަށް އައިސްފައިވާ ހީނަރުކަމެއްނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފިނޭންސް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ބޮޑު ހިލޭ އެހީއެއް ރާއްޖެއަށް ލިބިފައިވަނީ މިދިޔަ އަހަރުކަމަށާއި، ކޭޝްފްލޯގެ އެއްވެސް މައްސަލައެއް ރާއްޖެއަށް މިވަގުތު ނެތްކަމަށެވެ.

"ކޭޝްފްލޯ މެނޭޖުކުރުމަށް ކޮންމެ ދުވަހަކު ކޭޝްފްލޯ ކޮމިޓީ ބައްދަލުވެ އަޅުގަނޑުމެން މިދަނީ ހަމަ އެމަސައްކަތް ރަނގަޅަށް ބަލަމުން. އަދި ޚާއްޞަކޮށް މިދަނޑިވަޅުގަ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން. އަޅުގަނޑު ހަމަ އިއްޒަތްތެރި މެންބަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވާލާނަން 2019 ވަނަ އަހަރަކީ ދިވެހި ދައުލަތަށް މިދިޔަ އެތައް އަހަރުތަކަކާ ޚިލާފަށް ހިލޭ އެހީގެ ގޮތުގައިވެސް ވަރަށް ގިނަ ފައިސާލިބުނު އަހަރެއް. ކޭޝް ރިޗް އަހަރެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން. ކޭޝްފްލޯގެ އެއްވެސް މައްސަލައެއްނެތް. މިއަހަރު ކޭޝްފްލޯގަ އަޅުގަނޑު އަމިއްލައަށް ބަލާފަ ކޭޝްފްލޯގެ ކަންކަން ކޮށްފަހުންނާނީ." މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ބޭރު ފައިސާ ވަންނަ ސިނާއަތް އެއްކޮށް ހުއްޓިފައިވާކަމަށާއި، ރާއްޖޭގެ ރިޒާވްވެސް ދަށްވާން ފަށާފައިވާކަމަށެވެ. ނަމަވެސް އެދަތިތަކާއެކުވެސް އެއްވެސް މުވައްޒަފަކަށް މުސާރަ ނުދެވޭނެ ޙާލަތެއް ދިމާނުވާނެކަމަށާއި، ދައުލަތުން ފޯރުކޮށްދޭ އިޖްތިމާޢީ ޚިދުމަތްތައްވެސް ހުއްޓުމެއް ނެތި ކުރިއަށްދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

"މެންބަރުންންނަށް ޔަޤީންކަންދެން މުސާރަ ނުދެވުމުގެ ކަމެއް ދިމާނުވާނެ. ސޯޝަލް ސާރވިސްގަ މިހާރު ކުރަމުން މިއަންނަ އެއްވެސް ކަމެއްގަ ހުއްޓުމެއް ނާންނާނެ. އަޅުގަނޑުމެން މިހާރު އެވޯޑްކޮށްފައިހުރި ޕްރޮޖެކްޓްސްތައް ކުރިއަށްދާނެ. މިހާރުވެސް ބިލްތައް ޕްރޮސެސްކުރަމުން މިދަނީ."މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ރިޒާވް ދަށްވިނަމަވެސް ރާއްޖޭގެ އިމްޕޯޓަށްވެސް އެއްވެސް ދަތިކަމެއް ނާންނާނެކަމަށް ވިދާޅުވިއެވެ. އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިޤްތިޞާދު ފުޅާކުރުމުގެ މަސައްކަތް ކުރުމަށްކަމަށް ސަރުކާރުން ކުރިން ވަނީ ވިދާޅުވެފައެވެ. އަދި ކުރު ރާސްތާގައި ވަރަށް ބޮޑު ތަކްލީފްތަކަކާއި ކުރިމަތިލާންޖެހޭއިރު، މެދު ރާސްތާގައިވެސް ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށާއި، ނަމަވެސް ދުރު ރާސްތާއަކަށް ވިސްނައިފިނަމަ އާ ވިސްނުންތަކަކާއެކު އިޤްތިޞާދު އަނެއްކާވެސް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިހާރު ކުރިމަތިލާފައިވަނީ ދުވަހަކުވެސް ރާއްޖެއިން މީގެކުރިން ކުރިމަތިނުލާވަރުގެ އިޤްތިޞާދީގޮތުން ދަތި ދުވަސްތަކަކާކަމަށާއި، ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ކުރިން ލަފާކުރެވުނަސް، މިހާރު ލަފާކުރަނީ މައިނަސް އެގާރަ އިންސައްތަ ދަށަށްދާނެ ކަމަށް، ކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި ކުރިން ރާއްޖޭގެ އިޤްތިޞާދު އޮތް ހިސާބަށް އަލުން ދާނެކަމަށް ސަރުކާރުން ލަފާކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ.