އަމާޒަކީ މިއަހަރުވެސް ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް ދައުލަތުގެ ބަޖެޓުގެ ތެރެއިން ހަރަދުތައް މެނޭޖްކުރުން ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ދައުލަތުގެ ބަޖެޓު ޑެފިސިޓްވިޔަނުދީ ހިފެހެއްޓުމަށް ތަފާތު އެކި ސިޔާސަތުތައް އެކަށައަޅާ އަމަލުކުރަމުންދާ ކަމަށެވެ. މީގެތެރޭގައި ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތައް ހިމެނޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމްއާ ގުޅިގެން ކުރިއަށްގެންދާ 'އަހާ' ފޯރަމުގެ 10ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، ދަރަނި ދެއްކުމުގައި ސަރުކާރުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް އެއްވެސް ސަރުކާރަަކަށް ދައްކަންޖެހިފައިނުވާ މިންވަރަށް ދަރަނިތައް ދައްކާފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، 2013އިން ފެށިގެން 2018އާ ހަމައަށް ދަރަނީގެ ގޮތުގައި ދައްކާފައިވަނީ ގާތްގަނޑަކަށް 415 މިލިޔަން ޑޮލަރު ކަމަށެވެ. އަދި 2018އިން ފެށިގެން 2023އާ ހަމައަށް ލޯނުގެ ގޮތުގައި ދައްކާފައިވަނީ 948 މިލިޔަން ޑޮލަރު ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން 2 އަހަރުގެ ތެރޭގައި ބޭރުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް 1.42 ބިލިޔަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ލޯނުތައް އަނބުރާ ދެއްކުމާއެކު ދައުލަތުގެ ފިސްކަލް ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއްވެސް އަޅަމުންދާ ކަމަށެވެ. އެގޮތުން އަހަރުން އަހަރަށް ދައުލަތުގެ ޑެފިސިޓް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އަމާޒަކީ މިއަހަރުވެސް ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް ދައުލަތުގެ ބަޖެޓުގެ ތެރެއިން ހަރަދުތައް މެނޭޖްކުރުން ކަމަށެވެ.
"މީގެ ތެރެއިން އަޅުގަނޑުމެންނަށް ލިބޭ ކާމިޔާބީތަކުގެ ތެރޭގައި ދައުލަތުގެ ކްރެޑިޓް ރޭޓިން މަތިވޭ. އަޅުގަނޑުމެންނަށް ރޭޓީންގެ ފަހުން ބައްދަލުވި ދައުލަތުގެ އެކިއެކި މާލީ އިދާރާތަކުން ވަރަށް ޕޮޒިޓިވްކޮށް މިކަން ފާހަގަކޮށް ދައުލަތަށް ފައިނޭންޝިއަލް ފެސިލިޓީސްތައް ދިނުމުގައި ވަރަށް ޕޮސިޓިވްކޮށް ވިސްނަވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ،" މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވިއެވެ.
ސަރުކާރުން ދަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ ރީސްޓަރަކްޗަރ ކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރަމުންދާއިރު، ބައެއް ކުންފުނިތައް އުވާލުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. އެގޮތުން ފެނަކަ އުވާލާ އެކުންފުނީގެ މަސައްކަތްތައް ސްޓެލްކޯއަށް، އާރުޑީސީ އުވާލާ އެކުންފުނީގެ މަސައްކަތްތައް އެމްޓީސީސީއަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ނިންމެވި ނިންމެވުން ހިމެނެއެވެ.