ޚަބަރު

ސޮވެރިން ޑިފޯލްޓަކަށް ނުދާނެކަމުގެ ޔަޤީންކަންދެން - ފިނޭންސް މިނިސްޓަރ


ސޮވެރިންގ ޑިފޯލްޓަކަށް ދިވެހިރާއްޖެ ނުދާނެކަމުގެ ޔަޤީންކަން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރުގެ، އަޙްމަދު ސިޔާމް ހޯލްޑިންގްސްއަށް ސަރުކާރުން ދީފައިވާ ލޯނެއް ޑިފޯލްޓް ވެފައިވާކަމަށް ބުނާ މައްސަލައާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް މިހާރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި، ކުރީގެ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރާއި، ޢަބްދުﷲ ޖިހާދުގެ އިތުރުން އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔާތު ވަނީ ޙާޒިރުކުރައްވާފައެވެ. އަދި އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމްވެސް ވީޑިއޯ މެދުވެރިކޮށް ބައިވެރިވެވަޑައިގެން ކުރިއަށްގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިހާރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ދިވެހި ދައުލަތުން ސޮވެރިން ގެރެންޓީގެ ގޮތުގައި ދީފައިވާ ލޯނުތަކަށް ފައިސާ ދައްކާތޯ ނުވަތަ ނުދައްކާތޯ މިނިސްޓްރީން ބަލަމުން އަންނަކަމަށެވެ.

އަޙްމަދު ސިޔާމް ހޯލްޑިންގްސް، އޭއެސްއެޗްއަށް ސޮވެރިންގ ގެރެންޓީ ނުވަތަ ދައުލަތުން ގެރެންޓީ ދީފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި 14 ޑިސެމްބަރު 2017 ގައެވެ. ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ސިޔާމް ކުންފުނިން ޗައިނާގެ އެގްޒިމް ބެންކުން ނަގާފައިވާ 127.5 މިލިއަން ޑޮލަރުގެ ލޯނަށް ދައުލަތުގެ ނަމުގައި ގެރަންޓީ ދީފައިވަނީ އުސޫލުގެ ތެރެއިންކަމަށެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ، އެކުންފުނިން މިއަހަރުގެ ޖެނުއަރީއާއި ހަމައަށް ބަރާބަރަށް ފައިސާ ދައްކަމުން ދިޔަކަމަށާއި، ނަމަވެސް މިދިޔަ މަހުގެ 21 ވަނަ ދުވަހާއި ހަމައަށް ދައްކަން އޮތް އިންޓްރެސްޓާއި ޕްރިންސިޕަލް ޕޭމެންޓް ދައްކާފައިނުވަނީ، ކޯވިޑް-19އާއި ގުޅިގެން ކުރިމަތިވި ޙާލަތާއި ގުޅިގެންކަމަށް އެކުންފުނިން އަންގާފައިވާކަމަށެވެ. އަދި ޖުލައި މަހުގެ 22 ވަނަ ދުވަހު އެފައިސާ ނުދައްކާތީ ގެރެންޓީ ދީފައިވާ ފަރާތުގެ ހައިސިއްޔަތުން އެފައިސާ ސަރުކާރުން ދެއްކުމަށް އެގްޒިމް ބޭންކުން އަންގާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ފަސް ދުވަހުގެތެރޭގައި އެފައިސާ ފިނޭންސް މިނިސްޓްރީއާއި ބޭންކް އޮފް މޯލްޑިވްސްއާއި އެކު ހަދާފައިވާ އެސްކްރޯ އެކައުންޓަށް ޖަމާކުރުމަށް އެންގުމުން އެކުންފުނިން ފައިސާ ޖަމާކުރިކަމަށާއި، އަދި އެފައިސާ އެގްޒިމް ބޭންކަށް ދައްކާފައިވާކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

"ޕްރައިވެޓް ސޮވެރިން ގެރެންޓީއެއް 2017 ޑިސެމްބަރު 14 ގައި މ.ދިގުރަށް އިރުފެން ރިސޯޓް ތަރައްޤީކުރުމަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ 127.5 މިލިއަން އެމެރިކާ ޑޮލަރަށް ދޫކޮށްފައިވާ ސޮވެރިން ގެރެންޓީގެ ދަށުން 21 ޖުލައި 2020 ހަމަވީއިރު ދަރަނި އަދާނުކުރުމުގެ ސަބަބުން 22 ޖުލައި 2020 ގައި ގެރެންޓީ ދޫކޮށްފައިވާ ފަރާތުގެ ހައިސިއްޔަތުން ޗައިނާގެ އެގްޒިމް ބޭންކު ވަނީ ސަރުކާރަށް އަންގާފަ. އަހްމަދު ސިޔާމް ހޯލްޑިންގްސްއިން އެފައިސާ ހަމަޖައްސާ ފިނޭންސް މިނިސްޓްރީއާއި ބޭންކް އޮފް މޯލްޑިވްސްގެ އެސްކްރޯ އެޖެންޓުން އެއްބަސްވެފައިވާ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކޮށް 6 އޯގަސްޓް 2020 ގަ މިފައިސާ ވަނީ ޗައިނާގެ އެގްޒިމް ބޭންކަށް ދައްކާފައި." މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ، ރާއްޖެ ސޮވެރިން ޑިފޯލްޓަކަށް ނުދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށާއި، އެގޮތަަށް ކަންކަން އިންތިޒާމް ކުރަމުން އަންނަކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސޮވެރިން ގެރެންޓީ ދީފައިވާ މަޝްރޫޢު ބެލުމަށް އެސައިޓަށް ދިއުމަށް ނިންމާފައިވަނިކޮށް ކޯވިޑް-19އާއި ކުރިމަތިވުމުން އެކަން އަދިކުރެވިފައިނުވާކަމަށެވެ. ނަމަވެސް އޮޑިޓްކޮށް ކޮންމެ ކުއާޓާއެއްގައި މޮނީޓާކުރަމުން އަންނަކަމަށެވެ.

"އަޅުގަނޑުމެން މިތަނުގައިތިބިއްޔާ ދައުލަތަށް ސޮވެރިންގ ޑީފޯލްޓަކަށް ދިޔަކަ ނުދޭނަން. އެކަން ނުވާނެ ގޮތަށް އިންތިޒާމް ކުރަމުން މިދަނީ."މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.


މި ސަރުކާރުން ސޮވެރިން ގެރަންޓީ ދޫކުރާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ރައްޔިތުންގެ މަސްލަޙަތު ހިމެނޭ ބޮޑެތި މަސައްކަތްތައް ހިންގާ ކުންފުނިތަކުން ނަގާ ލޯނުތަކުގެ ތެރެއިން ކޮންމެހެން ސޮވެރިން ގެރަންޓީ ބޭނުންވާ ލޯނުތަކަށް އެކަނިކަމަށާއި، އެކަންކުރަނީ މާލިއްޔަތު ޤާނޫނާއި ޤަވާއިދާއި، ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ދަށުންކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. ދަރަނި އަދާކުރުމުގައި، އަބަދުވެސް އިސްކަންދޭނީ ދިވެހި ދައުލަތް ސޮވެރިން ޑިފޯލްޓަކަށް ނުދާނެ ގޮތަށް ކަންކަން ތަރުތީބު ކުރުމަށްކަމަށްވެސް ފިނޭންސް މިނިސްޓަރ ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.