ދިވެހިރާއްޖެ ފަދަ ޤައުމަކަށް ސަގާފީ ތަރިކަ ގެއްލުމަކީ ޤައުމީ ވަންތަކަމާއި، އަލުން ނުހޯދޭނެ ފަދަ މުހިންމު އިލްމެއް ގެއްލުންކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ "އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖް އޭޝިއާ"ގެ 4 ވަނަ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މި މަހުގެ 16އިން 20އަށް ޗައިނާގެ ހާންގްޒޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގައި ބާއްވާ "އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖް އޭޝިއާ"ގެ 4 ވަނަ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ވަޒީރު ހީނާ ވަލީދު ވަނީ ތަޤްރީރުކުރައްވާފައެވެ. މިއީ އޭޝިއާގެ ޤައުމުތަކުގެ މެދުގައި ސަގާފީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރުމަށް އޭޝިއާގެ ޤައުމުތައް ގުޅިގެން އުފެދުނު ފުރަތަމަ މިފަދަ ޖަމިއްޔާއެވެ.
މި ކައުންސިލްގައި ތަޤްރީރުކުރައްވަމުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވަނީ ދިވެހިރާއްޖެ ފަދަ ޤައުމުތަކަށް، ސަގާފީ ތަރިކަ ގެއްލުމަކީ ހަމައެކަނި އާސާރީ ތަނެއް ގެއްލުން ނޫންކަމަށް ސިފަކުރައްވައި، ޙަގީގީ ގެއްލުމަކީ ޤައުމީ ވަންތަކަމާއި، ޖަމާއީ ހަނދާންތަކާއި، އަލުން ނުހޯދޭނެ ފަދަ މިފަދަ މުހިންމު އިލްމެއް ގެއްލިގެންދިއުން ކަމުގައި ވިދާޅުވެފައެވެ. އަދި ހަމައެހެންމެ ސަގާފީ ތަރިކަ ހިމާޔަތްކުރުމުގައި ޒަމާނީ ޓެކްނޮލޮޖީގެ އީޖާދީ ވަސީލަތްތައް ހުރިހައި ޤައުމުތަކަށް ވެސް ތަނަވަސްވުމުގެ މުހިންމުކަމަށް ވަޒީރު ވަނީ އަލިއަޅުއްވާލައްވާފައެވެ.
"ދިވެހީންގެ މާދަރީ ދިވެހިބަހާއި، އަމިއްލަ އިލްމާއި، އަދި ރާއްޖެ ފަދަ ކުދި މުޖުތަމައުތަކުގެ ސަގާފީ ސިފަތައް ޑިޖިޓަލް ދުނިޔޭގައި ތަމްސީލުވާންޖެހޭ،" ވަޒީރު ހީނާ ވިދާޅުވިއެވެ.
ވަޒީރުގެ ތަޤްރީރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 2040 ވަނަ އަހަރުގެ ތަޞައްވުރަށް ރިޢާޔަތްކުރައްވާ ވިދާޅުވީ، ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅަކީ ޤައުމީ ފިކުރެއްކަމަށް ސިފަކުރައްވައި، މިކަން ޙާސިލްކުރުމަށް އެންމެ އިސްކަމެއް ދެއްވައިގެން ދިވެހީންގެ އަމިއްލަ އައިޑެންޓިޓީ ރައްކާތެރިކުރުމަށް ދެއްވާ ޚާއްސަ ސަމާލުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ސިޔާސަތުތަކާއި، މުއައްސަސާތަކަށް ގެނެވޭ އިސްލާހުތަކާއި، އަދި ތަރައްޤީގެ ކަންކަން ބިނާވެފައިވަނީ ޤައުމީ މި ދުރުރާސްތާ ވިސްނުންފުޅުގެ މަތީން ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އޮކްޓޫބަރު މަހުގެ 16 އިން 20 އަށް ޗައިނާއަށް ކުރައްވާ މިދަތުރުފުޅުގައި މިކައުންސިލްގެ އިތުރުން ލިއާންގްޖޫ ފޯރަމްގައި ވެސް ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.