ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވުމަކީ ބޭރުގެ މާލީ އިދާރާތަކުންނާއި އެކި ގައުމުތަކާ ދެމެދު އޮންނަ ގުޅުންތަކުގެ ތެރެއިން މާލީ ފެސިލިޓީތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ 'އަހާ' ފޯރަމުގެ 10 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ކްރެޑިޓް ރޭޓިން އެންމެ ފުރަތަމަ ހަދާފައިވަނީ 2016 ވަނަ އަހަރު ކަމަށެވެ. އެ ފަހަރު 'ބީ +' އިން ފެށިގެން އައި ނަމަވެސް، އޭގެ ފަހުން ވޭތުވެދިޔަ ހުރިހާ ދުވަސްވަރެއްގައިވެސް ރޭޓިން ދިޔައީ ދަށަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް، މި އަހަރުގެ ތެރޭގައި އެ މަގު ބަދަލުކޮށްލެވި، ކްރެޑިޓް ރޭޓިން އަލުން މައްޗަށް ޖެއްސިފައިވާ ކަމަށެވެ. މި ލިބުނު އަޕްގްރޭޑާއެކު ރާއްޖެ މިހާރު ވަނީ 2021 ވަނަ އަހަރު ހުރި މިންވަރު ކަމަށްވާ 'ސީ.އޭ.އޭ 1' ސްޓޭބަލް އައުޓްލުކްގެ ދަރަޖައަށް ވާސިލުވެފައެވެ.
ރޭޓިން ރަނގަޅުވުމުން ލިބޭނެ މާލީ ފައިދާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ޒަރީރު ވިދާޅުވީ، މީގެ ސަބަބުން ދައުލަތަށް ބޭނުންވާ ފައިނޭންޝަލް ފެސިލިޓީސްތައް ހޯދުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ރޭޓިން އަޕްގްރޭޑްވުމަށްފަހު ދައުލަތުގެ ފަރާތުން ބައްދަލުކުރި ބޭރުގެ މާލީ އިދާރާތަކުން އެކަން ވަރަށް ބޮޑަށް ފާހަގަކޮށް، ރާއްޖެއަށް ފައިނޭންޝަލް ފެސިލިޓީސްތައް ދިނުމުގައި ވަރަށް ޕޮޒިޓިވް ވިސްނުމެއް ގެންގުޅޭކަން ހާމަވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ބަދަލާއެކު ސަރުކާރުން ހިންގަން ރާވާފައިވާ ބޮޑެތި ކެޕިޓަލް މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ބައިނަލްއަގުވާމީ ގުޅުންތަކާއި ބައިލެޓަރަލް އެހީތެރިކަމުގެ ތެރެއިން މާލީ އެހީ ހޯދުމަށް ކުރާ މަސައްކަތްތަކަށްވެސް މިކަމުގެ ސަބަބުން ކުރިއެރުން ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މީގަ އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކަމަކީ މޫޑީސްގެ ރޭޓިން އަޕްގްރޭދްކުުރުމުން މި އަންގައިދެނީ ދައުލަތުން ރާއްޖޭގެ އިގުތިޞާދު ރަނގަޅުކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ އެންޑޯސްމެންޓަކަށް. އެބޭފުޅުން އެކަން އެބަ ރިކޮގްނައިޒްކުރޭ. އެ ރިކޮގްނިޝަންއިން އަޅުގަނޑުމެންނަށް މި އެންގެނީ މިދިޔަ ދެ އަހަރުގެ ތެރޭގައި ސަރުކާރުން މި ހޯދާފައިވާ ކާމިޔާބީތައް. އަދި މިދިޔަ ދުވަސްތަކުގެ ތެރޭގައި އަޅުގަނޑުމެން އަޅާފައިވާ ފިޔަވަޅުތަކަކީ ވަރަށް އިފެކްޓިވްކޮށް އެޅިފައިވާ ފިޔަވަޅުތަކެއް ކަމަށް." ވަޒީރު ވިދާޅުވިއެވެ.
މި ކުރިއެރުމުގެ ސަބަބުން ރާއްޖޭގެ އިގުތިޞާދާ މެދު އިންވެސްޓަރުންނާއި، ވިޔަފާރިވެރިން އަދި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން އިތުރުވެގެން ގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުން މިހާރު އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު، ކުރިއަށް އޮތީ އިގުތިޞާދީ ގޮތުން ފަހި ދުވަސްތަކެއް ކަމުގެ ޔަގީންކަން ލިބިގެންދާ ކަމަށްވެސް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ދެ ކްރެޑިޓް ރޭޓިން އޭޖެންސީތައް ކަމަށްވާ، މޫޑީސްއާ ފިޗުން ދަނީ ރާއްޖޭގެ ރޭޓިން ހަދަމުންނެވެ. މިކަން ކުރަން ބޮޑެތި ދަރަނިތައް ނަގައި ޢުމްރާނީ ތަރައްޤީގެ މަސައްކަތް ކުރަން ފެށުމާއެކު ރާއްޖޭގެ މާލީ ހާލަތު ވަޒަން ކުރުމަށާއި ބެރުގެ އިދާރާތަކަށް އެކަން ބަޔާން ކުރެވޭނެ ނިޒާމެއް ފަހި ކުރުމަށް ކަމަށް އެ އޭޖެންސީތަކުން ވަނީ ބުނެފައެވެ.
2016ވަނަ އަހަރުން ފެށިގެން މި ދެ އޭޖެންސީއިންވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދަމުންދާއިރު، ރާއްޖޭގެ ކްރެޑިޓް ރޭޓިން ދިޔައީ ދަށްވަމުންނެވެ. އަދި ކޯވިޑާއި ގުޅިގެން އާމްދަނީއާއި ނުބައްދަލު ޚަރަދުތައް ކުރުމާއި، ދަރަނިތައް އިތުރުވުމުގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ފިޗު އަދި މޫޑީސްއިންވެސް ވަނީ ދަށްކޮށްފައެވެ.
ދަރަނީގެ ހިރާސް އޮތް މިންވަރަށް ބަލައި ރޭޓިންތައް ދަށް ކުރިނަމަވެސް، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު ދަރަނިތައް އަނބުރާ ދައްކަމުން ދިއުމާއެކު އެދެ އިދާރާއިންވެސް ވަނީ ރޭޓިންތައް ރަނގަޅު ކުރުމަށް ނިންމާފައެވެ. މިގޮތުން ފިޗުން ވަނީ މިދިޔަ ޖޫން މަހު ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީ" އިން "ސީސީސީ -" ނުވަތަ އެއް ދަރަޖަ މައްޗަށް ޖައްސާފައެވެ. އަދި މޫޑީސްއިން ވަނީ މިދިޔަ ހަފުތާގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށް ސީއޭއޭ 1 އަށް މަތިކޮށްފައެވެ.
ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން ދެ އޭޖެންސީންވެސް ރޭޓިން މައްޗަށް ޖެއްސުމުގެ ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ ރާއްޖެއިން އަދާކުރަން ޖެހޭ ދަރަނިތައް އަދާކުރުމުން ދިއުމެވެ. މިގޮތުން މިއަހަރުގެ އެޕްރީލް މަހު 500 މިލިޔަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމާއި، އިންޑިއާއިން ނަގާފައިވާ ދަރަނިތައް އަނބުރާ ދެއްކުން ފާހަގަކޮށްލެވެއެވެ. އަދި އަހަރުގެ މިހާތަނަށް 1.4 ބިލިޔަން ޑޮލަރު ލޮނުތައް އަނބުރާ ދެއްކުމަށް ޚަރަދުކޮށްފައިވެއެވެ.