ޚަބަރު

ވ. ފެލިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިންމާލައިފި


ވ. ފެލިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެން ދިޔަ މި މަޝްރޫޢުގެ އެއްބަސްވުމުގައި އެ ކުންފުނިން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 5 ވަނަ ދުވަހުއެވެ. މި މަޝްރޫއަކީ 5.18 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ.

ވ. ފެލިދޫގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 126 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށްޓެއް ވަނީ ލާފައެވެ. އަދި 61 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށްޓެއްލުމާއި، 200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ވަނީ ޖަހާފައެވެ. އަދި ބަނދަރާ އިންވެގެން 610 އަކަ މީޓަރުގެ ޕޭވްމަންޓެއްގެ ހެދުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.

ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ.

އެމްޓީސީސީން ވަނީ މިއަހަރުގެ 2 ވަނަ ކުއާޓަރ ތެރޭގައި 14 މަޝްރޫޢެއްގެ މަސައްކަތް ނިންމާފައެވެ. އަދި 8 މަޝްރޫޢެއްގެ މަސައްކަތް މި ކުއާޓަރ ތެރޭގައި ފަށާފައިވެއެވެ. އެގޮތުން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި އެކި ރަށްރަށުގެ ބަނދަރު ހެދުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.