ކުޅިވަރު

ޔޫއެސް އޯޕަންގައި އެންމެފަހުގެ ޗެމްޕިއަން ނަޑާލް ބައިވެރިނުވާނެ!


ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ރަފޭލް ނަޑާލް، މިއަހަރުގެ މުބާރާތުގައި ބައިވެރިނުވާން ނިންމައިފިއެވެ.

ދުނިޔެއިން ދެވަނައަށް އެންމެގިނަ ގްރޭންޑް ސްލޭމް މުބާރާތްތައް ކާމިޔާބުކޮށްފައިވާ ނަޑާލް މިފަހަރުގެ ޔޫއެސް އޯޕަންގައި ބައިވެރިނުވާން ނިންމީ އަނެއްކާވެސް ހަލުވިކަމާއިއެކު ކޯވިޑް-19 ފެތުރެމުންދާތީއެވެ. ނަމަވެސް މިއަހަރުގެ މުބާރާތް ކާމިޔާބުކޮށްގެން، މިހާތަނަށް އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ރޮޖާ ފެޑެރާގެ ރެކޯޑާއި ހަމަކުރުމުގެ ފުރުސަތު އެބައޮތެވެ.

ޔޫއެސް އޯޕަންގައި ނަޑާލް ވާދަނުކުރާނެކަން އޭނާ އިއުލާންކޮށްފައިވަނީ މީސްމީޑިއާ މެދުވެރިކޮށެވެ. ނަޑާލްބުނީ، މިއީ އޭނާ އެއްގޮތަކަށްވެސް ބޭނުންވިގޮތެއް ނޫންކަމަށާއި، ނަމަވެސް ކޯވިޑް-19 އެއްވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާކަމަށް ގަބޫލު ނުކުރާކަމަށެވެ. އެހެންކަމުން މުބާރަތުގައި ވަދަނުކުރަން ނިންމީ މިވަގުތު ދަތުރުކުރުންވެސް ރައްކާތެރިނުވުމުން ކަމަށެވެ.

ނަޑާލްގެ އިތުރުން މިވަގުތު ދުނިޔޭގެ ރޭންކިންގެ އެއްވަނަ އަންހެން ކުޅުންތެރިޔާ އޮސްޓްރޭލިއާގެ އަޝް ބަރޓީވެސް މުބާރާތުގައި ބައިވެރިނުވާނެއެވެ. އަނެއްކޮޅުން މެޑްރިޑް އޯޕަން ޓެނިސް މުބާރާތްވެސް މިވަގުތު ބޭއްވުން ރައްކާތެރި ނޫންކަމަށް ސްޕެއިންގެ ސަރުކާރުންވަނީ ބުނެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން މުބާރާތުގެ ފޭވަރިޓުން މިފަހަރުގެ މުބަރާތުގައި ވާދަނުކުރަން ނިންމުމުން، މިފަހަރުގެ މުބާރާތް ކެންސަލް ކުރުންވެސް ގާތެވެ.