ސިއްހަތު

އެސް.ޓީ.އޯ އިން އިތުރު 4 ރަށެއްގައި ފާމަސީއެއް ހުޅުވައިފި


ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތްފޯރުކޮށްދޭ ފާރމަސީއެއް ޤާއިމުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން، އިތުރު 4 ރަށެއްގައި އެސް.ޓީ.އޯގެ ފާރމަސީއެއް ހުޅުވައިފިއެވެ. އެގޮތުން، ފާރމަސީ ހުޅުވާފައިވާ 4 ރަށަކީ، ހދ. ނޮޅިވަރަންފަރު، ރ. މާކުރަތު، އދ. ފެންފުށި އަދި ނ. ހޮޅުދޫއެވެ. މިއާއެކު އެސް.ޓި.އޯ ފާރމަސީތަކުގެ އަދަދު 157 އަރާފައިވާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ އެސްޓީއޯގެ ބޭސްފިހާރައެއް ގާއިމް ކުރުމަށް އެސްޓީއޯއާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއު ނިމޭއިރު، 700ށް ވުރެގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށްވެސް އެސް.ޓީ.އޯއިން މައުލޫމާތުދެއެވެ. އަދި އެކުންފުނީގެ އަމާޒަކީ މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި މި އަހަރު ނިމެންވާއިރަށް އެސްޓީއޯގެ ބޭސް ފިހާރަތައް ޤާއިމުކުރުންކަމަށް އެކުންފުނިން ބުނެއެވެ. މި މަޝްރޫއަށް 25 މިލިއަނާއި 30 މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކަށް ޚަރަދު ހިގާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.