ކޯވިޑް-19

ކޯވިޑް-19 : ގެސްޓްހައުސް ވިޔަފާރިއަށް 30 މިލިއަން ޑޮލަރުގެ ގެއްލުން ލިބުނު - މިނިސްޓަރ ޝާހިދު


ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އައި ހީނަރުކަމާއެކު ގެސްޓް ހައުސް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް 30 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިހެން ވިދާޅުވީ، ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި އދ.ގެ މެމްބަރު ޤައުމުތަކުގެ ޕަރމަނަންޓް ރެޕްރެޒެންޓޭޓިވުންނާއެކު ބޭއްވެވި ވަރޗުއަލް ރިސެޕްޝަނުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އދ.ގެ މެމްބަރު ޤައުމުތަކުގެ ޕަރމަނަންޓް ރެޕްރެޒެންޓޭޓިވުންނާއެކު ބޭއްވެވި ވަރޗުއަލް ރިސެޕްޝަންގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ކޯވިޑް-19 އާއެކު ދުނިޔޭގެ އިޤްތިޞާދަށާއި ބައިނަލްއަޤްވާމީ ދަތުރުފަތުރުތަކަށް ބޮޑު ހީނަރުކަމެއް އައިސް އެކަމުގެ އަސަރު އިންސާނުންގެ ދިރިއުޅުމަށް ކުރަން ފަށާފައިވާކަމަށެވެ. އަދި ރާއްޖޭގައިވެސް މި ބަލިމަޑުކަން ފެތުރެން ފެށުމާއެކު ނިންމަންޖެހުނީ ދަތި އުނދަގޫ ނިންމުންތަކެއްކަމަށާއި، ރާއްޖޭގެ މުޅި އިޤްތިޞާދު އެ ސިނާޢަތަކަށް ބަރޯސާވާ ފަތުރުވެރިކަމުގެ ސިނާޢަތް މަޑުޖެހި، ރާއްޖޭގެ ބޯޑަރުތައް 3 މަސް ދުވަހަށް ބަންދުކުރަންޖެހުމަކީ ފަސޭހަ ނިންމުންތަކެއް ނޫންކަމަށެވެ. ނަމަވެސް ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށް އެ ފިޔަވަޅު ސަރުކާރުން އެޅީ ރާއްޖޭގައި ބަލިމަޑުކަން ފެތުރޭ މިންވަރު ކޮންޓްރޯލުކޮށް، ފަރުވާ ދިނުމަށް ބޭނުންވާ ވަޞީލަތްތައް ރާއްޖޭގައި ޤާއިމުކުރުމަށްކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ދަޢުލަތަށް ލިބޭ ޢާމްދަނީގެ 35 އިންސައްތައަކީ ސީދާ ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ ޢާމްދަނީކަމަށާއި، ކޯވިޑް-19 އާއެކު ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބުނު ގެއްލުމުގެ އަސަރު ރާއްޖޭގައި ވަޒީފާގެ ބާޒާރަށްވެސް އެތައް ގޮތަކުން ކޮށްފައިވާކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގެސްޓް ހައުސް ވިޔަފާރިތަކަށާއި، ސަޕްލައި ޗެއިން ބިޒްނަސްގައި ހަރަކާތްތެރިވާ ފަރާތްތަކަށް ގާތްގަނޑަކަށް 30 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާކަމަށެވެ.

"ދަޢުލަތަށް ލިބޭ ޢާމްދަނީގެ 35 އިންސައްތައަކީ ފަތުރުވެރިކަމުގެ ދާއިރާއިން ހިއްސާކުރާ އެއްޗެއް. ކޯވިޑް-19އާއެކު މި ސިނާޢަތަށް މިވަނީ ވަރަށް ބޮޑު ގެއްލުމެއް ލިބިފައި. ފުރަބަންދުގެ ފިޔަވަޅުތަކާއެކު ދިރިއުޅުމުގެ ކަންކަމަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފި. ފަތުރުވެރިކަމުގެ ސިނާޢަތަކީ ސަޕްލައި ޗެއިން ބިޒްނަސްގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް އެންމެ ބޮޑު ޢާމްދަނީއެއް ލިބޭ ސިނާޢަތް. ފަތުރުވެރިކަމަށް އައި ހީނަރުކަމާއެކު ގެސްޓް ހައުންސްތަކާއި، ސަޕްލައި ޗެއިންގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް ގާތްގަނޑަކަށް 30 މިލިއަން ޑޮލަރުގެ ގެއްލުމެއް މިވަނީ ލިބިފައި" މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ކޯވިޑް-19 އާއި ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަ ކުރަމުންދާ މި ދަނޑިވަޅުގައި، ކުރިއަށްއޮތީވެސް ފަސޭހަ ދުވަސްތަކެއް ނޫންކަމަށެވެ. އަދި މި ބައްޔަށް ބޭހެއް ނުވަތަ ވެކްސިނެއް އުފެއްދުމަށް ދުވަސް ނަގާނެތީ، މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އެއް ޤައުމު އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުން މުހިއްމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ޤައުމުތައް ގުޅިގެން މަސައްކަތް ކުރައްވީ ވަގުތުކަން ފާހަގަކުރައްވާ މިނިސްޓަރ ޝާހިދު، ވަނީ 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހަޤީޤަތަކަށް ހެދޭނީވެސް ގުޅިގެން ކުރެވޭ މަސައްކަތުންކަމަށް ވިދާޅުވެފައެވެ.

"ކޯވިޑް-19ގެ ރިކަވަރީ ސްޓޭޖުގައި އަދިވެސް އޮތީ ފަސޭހަ ދުވަސްތަކެއްނޫން. މިކަމުން އަރައިގަތުމަށް އަދިވެސް ދުވަސް ނަގާނެ. ހުރިހާ ޤައުމަކުންވެސް މިކަމަށް ތައްޔާރުވާންޖެހޭ. މި މަރުހަލާ ފަސޭހަކުރެވޭނީވެސް ހުރިހާ ޤައުމުތަކުން ގުޅިގެން ކުރެވޭ މަސައްކަތުން" މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައި އދ. އަކީ ރާއްޖޭގެ ތަރައްޤީގައި މުހިއްމު ބައިވެރިއެއްކަމަށާއި، ރާއްޖޭގެ ޢިޖްތިމާޢީ އަދި އިޤްތިޞާދީ ދާއިރާ ޚަރުދަނާކުރުމަށް ކުރާ މަސައްކަތުގައި އދ. އެކި އެޖެންސީތަކުން ފޯރުކޮށްދޭ އެހީތެރިކަން ވަނީ ފާހަގަކުރައްވާފައެވެ. ވަކިން ޚާއްސަކޮށް ކޯވިޑް-19ގެ މި ޙާލަތުން އަރައިގަތުމަށް ރާއްޖޭން ކުރާ މަސައްކަތުގައިވެސް މާލީގޮތުންނާއި ފަންނީގޮތުން އެ ޖަމިއްޔާގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ދިވެހި ސަރުކާރުން ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި އދ. ގެ މެމްބަރު ޤައުމުތަކުގެ ޕަރމަނަންޓް ރެޕްރެޒެންޓޭޓިވުންނާއެކު ބޭއްވެވި މި ވަރޗުއަލް ރިސެޕްޝަނުގައި އދ. ގެ އާއްމު މަޖިލީހުގެ ރައީސް ޓިޖާނީ މުޙައްމަދު ބަންޑޭގެ އިތުރުން އެޖަމިއްޔާގެ މެމްބަރު ޤައުމުތަކުގެ ތެރެއިން 100 އެއްހާ ޤައުމުގެ ދާއިމީ މަންދޫބުން ވަނީ ބައިވެރިވެފައެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނުފަހުން ހޯދުނު ކާމިޔާބީ ދައްކުވައިދޭ ކުރު ވީޑިއޯ ކްލިޕެއްވެސް ވަނީ ދައްކާލާފައެވެ.