ޚަބަރު

ލީބިޔާގެ މައްސަލަ ޙައްލުކުރުމަށް ޙަމަލާ ބަދަލުކުރުން ހުއްޓާލަންޖެހޭ: ތުރުކީވިލާތް، ރަޝިޔާ


ލީބިޔާގެ މައްސަލަ ޙައްލުކުރުމަށް ޙަމަލާ ބަދަލުކުރުން ހުއްޓާލަންޖެހޭކަމަށް ތުރުކީވިލާތާއި ރަޝިޔާއިން އެއްބަސްވެއްޖެއެވެ.

އދން ބަލައިގަނެފައިވާ ގަވަމަންޓު އޮފް ނޭޝަނަލް އެކޯޑު، ޖީއެންއޭއާއި އިދިކޮޅު ޚަލީފާ ޙަފްތާރުގެ ލީބިއަން ނޭޝަނަލް އާމީ، އެލްއެންއޭއާ ދެމެދު ފާއިތުވި ދުވަސްތަކުގައި ވަރުގަދަ ޙަމަލާތަކެއްވަނީ ބަދަލުކޮށްފައެވެ. ޖީއެންއޭއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭ އެންމެ މުހިންމު ޤައުމަކީ ތުރުކީވިލާތެވެ. ރަޝިޔާއާއި މިޞްރާއި ޔޫއޭއީއިން ވާގިވެރިވަނީ އެލްއެންއޭއަށެވެ.

ތުރުކީވިލާތާއި ރަޝިޔާއިންވަނީ ލީބިޔާގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ މަގުތައް ހަމަޖެއްސުމަށް ގޮވާލައިފައެވެ. އޭގެ އިތުރުން ހަމަނުޖެހުންތައް ހުއްޓާލައި ދެ ފަރާތުގެ ދެމެދުގައި ސިޔާސީ މަޝްވަރާތައް އިންތިޒާމުކުރުމުގެ މުހިންމުކަމަށްވެސްވަނީ އަލިއަޅުވާލައިފައެވެ. ނަމަވެސް ޙަފްތާރުގެ އެލްއެންއޭއަށް ޤާނޫނީ ބުރަދަނެއް ލިބިފައިވާކަމަށް ތުރުކީވިލާތުން ޤަބޫލުނުކުރާކަމަށް އެ ޤައުމުންވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ޙަމަލާ ބަދަލުކުރުމުގެ އެއްބަސްވުންތަކާ ޙަފްތާރު ޚިލާފުވެފައިވާކަން ފާހަގަކުރައްވަމުން ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާނުގެ ދިފާޢީ އިސް މުޝީރު އިބްރާޙީމް ކަލަން ވިދާޅުވީ ޖީއެންއޭއާއެކު ކުރާ މަޝްވަރާތަކުގައި ލީބިޔާގެ އިރުމަތީ ސަރަޙައްދުތައް ތަމްޞީލުކުރަން އެންމެ އެކަށީގެންވާ ބަޔަކީ އެލްއެންއޭ ނޫންކަމަށެވެ. ކަލަން ވިދަޅުވީ ލީބިޔާގެ މައި ތެޔޮ މަރުކަޒުތަކަށް ދަތުރުކުރާ މަގުގައި އޮންނަ ސިރުތާއި އެ ޤައުމުގެ މުހިންމު ސަރަޙައްދެއްގައި ޤާއިމުކޮށްފައިވާ ޖަފުރާ އަސްކަރީ ވައިގެ މަރުކަޒު ދޫކޮށް ޙަފްތާރުގެ ހަނގުރާމަވެރިން ފަހަތަށް ޖެހެންޖެހޭކަމަށެވެ. އެނޫން ގޮތަކަށް ދެމެހެއްޓެނެވި ގޮތެއްގައި ޙަމަލާ ބަދަލުކުރުން ހުއްޓޭނެކަމަށް ތުރުކީވިލާތުން ޤަބޫލުނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ޖީއެންއޭގެ ބާރުގެ ދަށަށް އެ ޤައުމުގެ ސިރުތު ގެނައުމުގެ މަސައްކަތްވަނީ ފަށައިފައެވެ. ޖީއެންއޭއާއި ތުރުކީވިލާތުން ސިރުތަށް ޙަމަލާދީފިނަމަ އެލްއެންއޭއަށް ވާގިވެރިވާ މިޞްރުގެ އަސްކަރީ ފައުޖުތައް ލީބިޔާއަށް ފޮނުވާނެކަމުގެ އިންޒާރު އެ ޤައުމުންވަނީ ދީފައެވެ. މިޞްރުގެ ޤާނޫނުހަދާ މަޖިލީހުންވަނީ އެ ޤައުމުގެ ފައުޖުތައް ލީބިޔާއަށް ފޮނުވުމަށް ފެހި ސިގުނަލު ދީފައެވެ. އެ އިންޒާރާ ގުޅޭގޮތުން ކަލަން ވިދާޅުވީ މިޞްރުގެ ފައުޖުތައް ލީބިޔާއަށް ފޮނުވުމަކީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހުރަސްއެޅޭނެ ކަމެއްކަމަށެވެ. އަދި މިޞްރުގެ ފައުޖުތައް ލިބިޔާއަށް ފޮނުވުމަކީ މިޞްރަށް ނުރައްކާތެރި ނިންމުމަކަށްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާއިންވަނީ ސޫރިޔާ މަގުން ހަނގުރާމަމަތީ މަތިންދާބޯޓުތައް ލީބިޔާގެ ޖަފުރާއަށް ރަޝިޔާއިން ފޮނުވާފައިވާކަމަށްވެސް ބުނެފައެވެ. ނަމަވެސް ރަޝިޔާއިންނާއި އެލްއެންއޭއިން އެ ވާހަކަތައް ދޮގުކުރެއެވެ. ރަޝިޔާގެ ޚަރިޖީ ވުޒާރާއިންބުނީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމާއި ސިޔާސީ މަޝްވަރާތައް ކުރުމަށް އެ ޤައުމުން ތާޢީދުކުރާކަމަށެވެ. މީގެ ކުރިން ލީބިޔާގެ މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ މަންދޫބުންނާއެކު ރަޝިޔާއިންވަނީ މަޝްވަރާތައް ބާއްވައިފައެވެ. ނަމަވެސް ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ޙަފްތާރުގެ ތާޢީދު ހޯދުމުގައި އެ ޤައުމުންވަނީ ނާކާމިޔާބުވެފައެވެ.