ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމުގެ މަޤާމަށް އަލްއުސްތާޛު އާދަމް ޝަމީމް އައްޔަނުކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވީ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރކަމުގެ މަގާމަށް ދ. މާއެނބޫދޫ މަލާޒް، އަލްއުސްތާޛު އާދަމް ޝަމީމު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
އަދި އޭނާ މި މަގާމަށް އައްޔަނުކޮށްފައިވަނީ އިންޓަރވިއު ޕެނަލުން ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގައިވާ ގޮތުގެމަތީން މި މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، އިންޓަރވިއުއިން އެންމެ މަތިން މާކްސް ހޯދާފައިވާތީ ކަމަށް ޖޭއެސްސީއިން ވިދާޅުވެއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރކަމަށް ޢައްޔަންކުރެއްވުމާއި ގުޅިގެން، ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި މަރުޙަބާ ދަންނަވަން. pic.twitter.com/8AWEwmtJbN
— Judicial Service Commission (@MaldivesJSC) August 16, 2026
އަލްއުސްތާޛު އާދަމް ޝަމީމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޤާނޫނީ އަދި ދިފާޢީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޝަމީމަކީ މިދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރައްވާ، ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 8 ވަަނަ ދުވަހުއެވެ. މި މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް ހުޅުވާލީ އެމަޤާމުގައި މީގެ ކުރިން ހުންނެވި އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ 10 މީހުން ކުރިމަތިލާފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.