ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ ބަދަލުތަކަކީ ނިޒާމީ ގޮތުން ގެނެވޭ އިންޤިލާބީ ބަދަލެއްހިމެނޭ އިސްލާހެއްކަމަށް ރައްޔިތުންގެ މަޖިލީޙުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާޢީ ބަހުސް މަރުހަލާގައި އެ އިސްލާހު ހުށަހެޅުއްވި މެމްބަރު ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ވިދާޅުވީ، ރާއްޖޭގެ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ނިޒާމަކީ ފާއިތުވި 10ވަރަކަށް އަހަރު ދުވަހު ކަނޑައަޅަންޖެހޭ މުހިންމު ތާރީހީކަންކަން ކެނޑިނޭޅިވާ ދާއިރާއެއްކަމަށެވެ. ޓެކްސްގެ ނިޒާމަށް ފާއިތުވެދިޔަތަނުގައި އައި މުހިންމު ބަދަލުތަކަށް މެމްބަރު ދާއޫދުވަނީ އަލިއަޅުވާލައްވާފައެވެ.
2 އޮކްޓޯބަރ 2011ގައި ފަތުރުވެރިކަމުގެ ދާއިރާއިން ޓެކްސް ނަގަން ފެށުމާއި، 2012ވަނަ އަހަރު ޖީއެސްޓީއަށް ގެނައި ބަދަލުތަކާއި، 2023ވަނަ އަހަރު އާއްމު ދާއިރާ އާއި ފަތުރުވެރިކަމުގެ ދާއިރާގެ ޓެކްސްއަށް ބަދަލުގެނެސްފައިވާކަން މެމްބަރު ފާހަގަކުރެއްވިއެވެ. މިހާރު ޓެކްސްގެ ނިޒާމަށް ގެންނަ ބަދަލަކީ އެންމެ މުހިންމު އަދި އެ ނިޒާމަށް ގެންނަ އެންމެ ފަހުގެ ބަދަލަށް ވާނެކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. މައިގަނޑުގެ 25 އިސްލާހުގެ މައްޗަށް އެކުލެވިގެންވާ މި ބިލަކީ މުހިންމު ބިލެއްކަން މެމްބަރު ފާހަގަކުރެއްވިއެވެ.
"މިއީ އެންމެ ފަހުގެ އެންމެ ހަރުދަނާ ބަދަލަށް ވެގެންދާނެ. ކުރިން ގެނެވުނު ބަދަލުތަކުން ޓެކްސް ރޭޓަށް ބަދަލުގެނައިނަމަވެސް މި އިސްލާހަކީ ޓެކްސް ބޭސް ނުވަތަ ޓެކްސް ނެގޭ ދާއިރާ ފުޅާކޮށް ބޭރުގެ ފަރާތްތައް މި ނިޒާމުގެ ތެރެއަށް ވެއްދުމަށް ގެނެވޭ އިސްލާހެއް." ބިލް ހުށަހެޅުއްވި މެމްބަރު ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ވިދާޅުވިއެވެ.
ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް ވިދާޅުވީ މިއިސްލާހަކީ މިއަދާއި ހަމައަށް ޓެކްސްގެ ނިޒާމަށް ހުށަހަޅާ އެންމެ މުހިންމު އިސްލާހުކަމަށެވެ. މިއީ ޓެކްސް ރޭޓަށް ގެނެވޭ ބަދަލެއް ނޫންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މި ބަދަލަކީ އިޤްތިސާދީގޮތުން ބަލާއިރު މުހިންމު ބަދަލަކަށް ވާނެކަމަށެވެ. މިހާތަނަށް ޓެކްސް ނެގުމުގެ ސަބަބުން އާއްމު ރައްޔިތުންނަށް ލިބޭ ފައިދާއެއް ނެތްނަމަވެސް، އިޤްތިސާދަށް އަންނަ ރަނގަޅު ބަދަލުތަކުގެ ފައިދާ ރައްޔިތުންނަށް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖެގެ ރިސޯސްޓައް ބޭރުގެ ފަރާތްތަކުން ބޭނުން ކުރިކުރުމުން ދިވެހިންނަށް ފައިދާއެއް ނުވެ އޮތް އޮތުން މި އިސްލާހުތައް ފާސްވެ މިއަށް އަމަލުކުރެވުމާއި އެކު ނިމުމަކަށް އަންނާނެ." ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް ވިދާޅުވިއެވެ.
އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު ވިދާޅުވީ، އާ އިސްލާހަކީ ރައްޔިތުންނަށް ފައިދާވާނެ އިސްލާހެއްކަމަށެވެ. މިފަދަ ޤާނޫނީ އިސްލާހުތައް ގެނެސް އެކަންކަން ތަންފީޒުކުރުމަކީ ރާއްޖޭގެ ރަށްތައް ބޭނުންކޮށްގެން ވިޔަފާރިކުރާނަމަ އެކަމުގެ ލާބަ ދިވެހިންނަށް ލިބުމަށް މަގުފަހިވާނެކަމެއްކަމަށެވެ.
ބިލުގެ އިބްތިދާޢީ ބަހުސްގައި ވާހަކަދެއްކެވި ގިނަ މެމްބަރުން ވާހަކަދެއްކެވީ ބިލަށް ތާއީދުކޮށެވެ. މެމްބަރުން ވަނީ ފަތުރުވެރިކަން ކުރިއަރަމުންދިޔަ ނަމަވެސް ރާއްޖޭގެ ރައްޔިތުންނާއި ރާއްޖެއަށް އޭގެ އެންމެ އެކަށީގެންވާ ފައިދާ ނުލިބެނީ ޓެކްސްގެ ނިޒާމު އޮތްގޮތުންކަމަށް ފާހަގަކުރައްވާފައެވެ. އަދި މިހާރު ހުށަހަޅާފައިވާ އިސްލާހުން އެފަދަ ނިޒާމީ މައްސަލަތަކަށް އިސްލާހު ލިބޭނެކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ.