ޚަބަރު

އެމްޑަބްލިޔުއެސްސީގެ ބައެއް މަޝްރޫއުގެ ހިންގުން އެމްއާރުޑީސީއަށް


މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމް.ޑަބްލިޔު.އެސް.ސީއިން ކުރިއަށްގެންދާ ފެނައާއި ނަރުދަމާގެ މަޝްރޫޢުތަކުގައި މަގުކޮނުމާއި، ގާ އެތުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެމް.އާރ.ޑީ.ސީއާއި ހަވާލުކޮށްފިއެވެ. މިއަދު އެމް.ޑަބްލިޔު.އެސް.ސީގެ ފެން ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ކުންފުނީގެ ފަރާތުން ވަނީ އެކަމާއިބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގޮތުން އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އެމް.އާރ.ޑީ.ސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނާޒިމެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، އެކުންފުނިން ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް މަގު ކޮނުމާއި ގާ އެތުރުން ފަދަ ކަންކަން އައުޓް ސޯސްކޮށްގެން ނުވަތަ އިތުރު ބަޔަކާއި ހަވާލުކޮށްގެން ކުރަންޖެހުމުގެ ސަބަބުން ބައެއް ފަހަރު މަސައްކަތުގެ ސްޕީޑް ލަސްވުންފަދަ މައްސަލަތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ. ނަމަވެސް މި މަސައްކަތްތައް ސަރުކާރު ހިއްސާވާ އެހެން ކުންފުންޏަކާއި ހަވާލުކުރުމުން މަސައްކަތުގެ ސްޕީޑް އަވަސްވެ، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ދެ ކުންފުންޏަށްވެސް ދިގު މުއްދަތަކަށް ފައިދާކުރާނެކަމަށް ފަޒުލް ވިދާޅުވިއެވެ. ފަޒުލް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އެމް.އާރ.ޑީ.ސީއާއި މަގު ކޮނުމާއި ގާ އެތުރުންފަދަ މަސައްކަތްތައް ހަވާލުކުރާނީ ދެ ފަރާތް އެއްބަސްވާ އުސޫލެއްގެ މަތިން ވަކި މުއްދަތެއްގެ ތެރޭގައި ނިންމާ، މަހުން މަހަށް ފައިސާދައްކާ އުސޫލުންކަމަށެވެ. މި ރަސްމިއްޔާތުގައި އެމް.އާރ.ޑީ.ސީގެ ފަރާތުން ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ، މަގު ކޮނުމާއި، ގާ އެތުރުން ފަދަ މަސައްކަތްތައް ކުރުމުގައި ބައެއް އަމިއްލަ ފަރާތްތަކުން އިހުމާލުވުމުގެ ސަބަބުން، މަގުތައް ހަލާކުވެ، ދުއްވާ އެއްޗެހި ބޭނުންކުރާ ފަރާތްތަކަށާއި ހިނގާބިގާވެ އުޅޭ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ. އެހެންކަމުން އެކުންފުނީގެ ފަރާތުން މިފަދަ މަސައްކަތެއް ކުރާއިރު، މަގުތައް ހަލާކުވިޔަ ނުދީ، ވިހާވެސް ފުރިހަމައަށް އެ މަސައްކަތް ކުރިއަށްގެންދަން ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމަށާއި، ވިހާވެސް ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމާ، އެމް.ޑަބްލިޔު.އެސް.ސީއާއި ހަވާލުކުރުން އެއީ އެ ކުންފުނީގެ އަމާޒުކަމުގައި ނަޒީމް ވިދާޅުވިއެވެ.