ޚަބަރު

ކޯވިޑް-19 : "ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ޖުލައިމަހުގެ މުސާރައާއެކު ރިސްކް އެލަވެންސް ލިބޭނެ"


ކޯވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި ފްރަންޓްލައިންގައި ހަރަކާތްތެރިވާ މީހުންނަށް ޖުލައިމަހުގެ މުސާރައާއެކު ރިސްކް އެލަންވެންސް ލިބޭނެކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ، ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ރިސްކް އެލަވެންސް ދިނުމަށްޓަކާ އެފަރާތްތަކުން މަޢުލޫމާތު ޚާއްސަ ޕޯޓަލެއް މެދުވެރިކޮށް މިނިސްޓްރީންތަކުން ފުރުމަށް އަންގާފައިވާކަމަށެވެ. އަދި އެ މަޢުލޫމާތު ފުރުއްވާފައިވާ ފަރާތްތަކަށް ޖުލައިމަހުގެ މުސާރައާއެކު ރިސްކް އެލަވެންސް ލިބޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ކުރިންވެސް އަޅުގަނޑުމެން ދަންނަވާފައި އޮންނާނީ މިނިސްޓްރީތަކުން އެބޭފުޅުންގެ މަޢުލޫމާތު ވަކި ޕޯޓަލެއް މެދުވެރިކޮށް އެންޓާރކުރަން އަންގާފައިވާނެކަން. އެހެންވީމަ އެގޮތަށް އެންޓާރކޮށް ނިމިފައިވާނަމަ ޖުލައިމަހުގެ މުސާރައާއެކު އެބޭފުޅުންނަށް އެ އެލެވެންސް ލިބޭނެކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވަނީ" ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19އާ ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަ ރިސްކް އެލަވެންސެއް ދޭން ނިންމާފައިވާކަން ސަރުކާރުން އިޢުލާންކޮށްފައިވަނީ މިދިޔަ މެއިމަހުގެ ތެރޭގައެވެ. އެގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް އެލަވެންސް ދިނުމަށް ނިންމާފައިވަނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ އަދި މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނަކީ ކޯވިޑް-19އަށް ޕޮޒިޓިވްވާ ފަރާތްތަކަށް ނުވަތަ ބަލި ހުރެދާނެކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާއި ގާތުން ދިމާވެދާނެ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މެޑިކަލް ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެސްޓު ސާމްޕަލް ނަގާ މީހުންނާއި، ލެބް ޓެކްނީޝަނުންނާއި، ކޯވިޑަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން އަދި ޕޮޒިޓިވްވާ މީހުން ތިބޭ ކޮޓަރި ނުވަތަ ވޯޑަށް ވަންނަންޖެހޭ މީހުންނެވެ.

މީޑިއަމް ރިސްކު މީހުންނަކީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ހިދުމަތް ދޭންނުޖެހުން ނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނެވެ. އަދި ލޯ ރިސްކު މީހުންނަކީ އެއްވަނަ އަދި ދެވަނަ ގިންތިއަށް ނުފެތޭ ނަމަވެސް ކޯވިޑް-19ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ މީހުންނެވެ.