މުނިފޫހިފިލުވުން

ދީޕިކާއަށްފަހު ޝްރަދާވެސް އިންސްޓަގްރާމުގައި 50 މިލިއަން ފޮލޯވަރުން ހަމަކޮށްފި


ބޮލީވުޑްގެ ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ޝްރަދާ ކަޕޫރުވެސް އިންސްޓަގްރާމުގައި 50 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ހަމަކޮށްފިއެވެ.

މަޑުމައިތިރި ލޯބީގެ ރޯލުތަކުން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ޝްރަދާ ވަނީ އިންސްޓަގްރާމުގައި 50 މިލިއަނަށްވުރެ ގިނަ ފްލޯރވަރުން ލިބުމުގެ އުފަލުގައި އޭނާގެ ފޭނުންގެ ފަރާތުން ލިބެމުންދާ ލޯތްބާއި ސަޕޯޓް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ. އިންސްޓަގްރާމުގައި 50 މިލިއަނަށްވުރެ ބޮޑު ފޭންބޭސްއެއް ހަމަވުމާގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އޭނާއަށް މަރުޚަބާ ކިޔަމުންނެވެ. ބައެއް ފޭނުންގެ ޕޯސްޓުތައް ޝްރަދާވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާވެސްކޮށްފައެވެ.

ބޮލީވުޑްގައި މިހާރު އެންމެ އަގުބޮޑު ބަތަލާއިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ އެއް ފަންނާނުކަމަށްވާ ޝްރަދާއަކީވެސް އިންސްޓަގްރާމުގައި ވަރަށް އެކްޓިވްކޮށް ފެންނަ ފަންނާނެކެވެ. ޖިމް ވޯކްއައުޓްތަކާއި، ފޮޓޯ ޝޫޓްތަކާއި، ފިލްމް ޕްރޮމޯޝަންތަކާއި، ވެކޭޝަންތަކާއި، މިނޫންވެސް އާއްމު ދިރިއުޅުމުގައި ކުރާ ގިނަ ކަންތައްތަކެއް ޝްރަދާ އަންނަނީ އޭނާގެ އިންސްޓަގްރާމް ފީޑުގައި ހިއްސާކުރަމުންނެވެ.

ނުބައިބައި ރޯލުތަކާއި ކޮމެޑީ ރޯލުތަކަށް އެފަދަ ދެވަނައެއްނެތް ބޮލީވުޑްގެ މަޝްހޫރު ތަރި ޝަކްތީ ކަޕޫރުގެ އަންހެން ދަރިފުޅު ޝްރަދާ ކަޕޫރަށް ބޮލީވުޑަށް ތަޢާރަފުވުމުގެ ފުރުޞަތު އެންމެ ފުރަތަމަ ލިބުނީ އޭނާގެ އުމުރުން 16 އަހަރުގައި ސަލްމާން ޚާންގެ ފިލްމަކަމުންނެވެ.

އޭރު އޭނާ އެފުރުޞަތު ދޫކޮށްލީ، ސައިކޮލޮޖީގެ ދާއިރާއިން ކިޔަވާ ސައިކޮލޮޖިސްޓަކަށްވާން ބޭނުންވާތީއެވެ. ނަމަވެސް ޝްރަދާއަކީ ފިލްމާއި މިއުޒިކީ ދާއިރާގެ އާއިލާއަކަށް ނިސްބަތްވާ މީހަކަށްވާތީ، އޭނާވެސް އެ ދާއިރާއިން ކުރިއަށްދިއުމުގެ ޝައުގުވެރިކަން އުފެދި ކެރިއަރ ބަދަލުކޮށްލީއެވެ. ޝްރަދާ އޭނާގެ ބޮލީވުޑް ޑެބިއު ހަދާފައިވަނީ ލީނާ ޔަދާވް ޑައިރެކްޓްކޮށް، 2010 ގައި ރިލީޒްކުރި ތްރިލަރ ފިލްމް "ޓީން ޕައްޓީ" އިންނެވެ.

ޝްރަދާވަނީ ކުރު މުއްދަތެއްގެ ތެރޭގައި ކާމިޔާބު ފިލްމްތަކެއް ކުޅެ ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު ބަތަލާއިންގެ ލިސްޓުން ޖާގަ ހޯދާފައެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި 2013 ގައި ރިލީޒްކުރި "އާޝިގީ-2"، 2014 ގައި ރިލީޒްކުރި "އޭކް ވިލަން"، 2016 ގައި ރިލީޒްކުރި "ބާގީ" 2019 ގައި ރިލީޒްކުރި "ސާހޯ" އާއި "ޗިޗޯރޭ"ގެ އިތުރުން މިއަހަރު ރިލީޒްކުރި ފިލްމް "ސްޓްރީޓް ޑާންސަރ 3ޑީ" ހިމެނެއެވެ.

އިންސްޓަގްރާމުގައި 50 މިލިއަނަށްވުރެ ގިނަ ފޮލޯރވަރުން ޝްރަދާ ހަމަކޮށްފައިވާއިރު، ބޮލީވުޑްގެ ކާމިޔާބު ބަތަލާ ދީޕިކާ ޕަޑުކޯންވެސް ދާދިފަހުން ވަނީ 50 މިލިއަން ފޮލޯރވަރުން ހަމަކޮށްފައެވެ. އިންޑިއާގެ އަންހެން ސެލެބްރިޓީންގެ ތެރެއިން މިވަގުތު އެންމެ ބޮޑު ފޭން ބޭސްއަކާއެކު އިންސްޓަގްރާމުގައި ރަނިކަންކުރަމުންދަނީ "ގްލޯބަލް އައިކަން" އެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްއެވެ.