ޚަބަރު

ވިޔަފާރީގެ ޓެކުހުން ލިބުނު އާމްދަނީ އިތުރުވެ، އާމްދަނީ %10.4 އިތުރު


  • އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 27.6 ބިލިޔަން ރުފިޔާ ލިބުނު

  • މިމަހުގެ 20ގެ ނިޔަލަށް 28.7 ބިލިޔަން ރުފިޔާ ޚަރަދުކުރި

ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ 10.4 އިންސައްތަ އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިމުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުވެފައިވަނީ، ވިޔަފާރީގެ ޓެކުހުން ލިބުނު އާމްދަނީ އަދި ޓީޖީއެސްޓީ އިތުރުވުމުގެ ސަބަބުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާއިން އާންމުކުރި ފާއިތުވެދިޔަ ހަފުތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި މިމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 27.6 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 25 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 10.4 އިންސައްތައިގެ އިތުރުވުމެކެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ، ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެއީ، 21.4 ބިލިޔަން ރުފިޔާއެވެ. މިއީ، މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު 19.1 ބިލިޔަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 12.1 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިމުއްދަތުގެ ތެރޭގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައިވެސް 5.6 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ.

މާލީ ވުޒާރާއިން ވިދާޅުވީ، މިދިޔަ ހަފުތާގައި އާމްދަނީ އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ ޓެކްސް، ޓީޖީއެސްޓީ އަދި ވިޔަފާރީގެ ޓެކުހުން ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން މިމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް 7.3 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ، މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު 6.8 ބިލިޔަން ރުފިޔާ އަށްވުރެ 7.4 އިންސައްތަ އިތުރު އަދަދެކެވެ.

މިމުއްދަތުގައި ވިޔަފާރިއާއި މުދަލުން ނަގާ ޓެކުހުގެ އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް މިދާއިރާއިން 5.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ވިޔަފާރިއާއި މުދަލުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު 4.6 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 20.5 އިންސައްތައިގެ ކުރިއެރުމެކެވެ.

ވިޔަފާރިއާއި މުދަލުން ނަގާ ޓެކުހުގެ އާމްދަނީގެ ތެރޭގައި ހިމެނޭ ކޯޕަރޭޓް އިންކަމް ޓެކްސް 7.1 އިންސައްތަ އިތުރުވެ 2.86 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގް ޓެކްސް 10.2 އިންސައްތަ އިތުރުވެ، 924.5 މިލިޔަން ރުފިޔާއަށް އަރާފައިވެއެވެ. އަދި ވިޔަފާރިއާއި މުދަލުގެ އެހެނިހެން ޓެކުހުން ލިބުނު އާމްދަނީ 87.9 އިންސައްތަ އިތުރުވެ، 1.39 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އިމްޕޯޓް ޑިއުޓީ 16.6 އިންސައްތަ އިތުރުވެ، 2.19 ބިލިޔަން ރުފިޔާއަށް އަރާފައިވެއެވެ. އަދި އާންމު ޖީއެސްޓީ 10.8 އިންސައްތައަށް އިތުރުވެ، 3.53 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ގްރީން ޓެކްސް 6.2 އިންސައްތައަށް އިތުރުވެ، 1.40 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗަރ ޓެކްސް ވަނީ 13.4 އިންސައްތަ އިތުރުވެ 1.24 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

ޚަރަދުތަކަށް ބަލާއިރު، މިމަހުގެ 20ވަނަ ދުވަހާއި ހަމައަށް ދަޢުލަތުން 28.7 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ކުރި 24.1 ބިލިޔަން ރުފިޔާގެ ޚަރަދާ އަޅާބަލާއިރު، 19.3 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ރިކަރަންޓް ޚަރަދާއި، ކެޕިޓަލް ޚަރަދުވެސް ހިމެނެއެވެ.

ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން ފާއިތުވި ހަފުތާގައި އެންމެ ބޮޑަށް އިތުރުވެފައިވަނީ، ކައުންސިލްތަކަށް ދޭ ގްރާންޓެވެ. ކައުންސިލް ގްރާންޓުގެ ގޮތުގައި ޖުމްލަ 1.6 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15.8 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން، މުސާރައާއި އިނާޔަތްތަކަށް 9.39 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 11.1 އިންސައްތަ އިތުރު އަދަދެކެވެ.

ކެޕިޓަލް ޚަރަދުގެ ދަށުން އިންފްރާސްޓްރަކްޗަރ ވަސީލަތްތަކަށް 3.2 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ، މިދިޔަ އަހަރު ހޭދަކުރި 2.9 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 9.1 އިންސައްތައިގެ އިތުރުވުމެކެވެ. ކެޕިޓަލް ޚަރަދު އިތުރުވުމުގައި އިންފްރާސްޓްރަކްޗަރގެ އެކި ދާއިރާތަކަށް ކުރި ހޭދަ ބޮޑު ދައުރެއް އަދާކޮށްފައިވެއެވެ. އެގޮތުން ބިމާއި އިމާރާތްތަކަށް ކުރި ޚަރަދު 1.20 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ފާލަންތަކާއި ބަނދަރު ހެދުމަށް ކުރި ޚަރަދު 284.5 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.