ޚަބަރު

ކޯވިޑް-19 : ހައިރިސްކް އޭރިޔާތަކުން މިދަނީ ސާމްޕަލްތައް ނަގަމުން އަދަދު އިތުރުން އެކަށީގެންވޭ


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މާލެ ސަރަހައްދުގައި ފާހަނގަކުރެވިފައިވާ ހައިރިސްކް ސަރަހައްދުތަކުން ސާމްޕަލްތައް ނަގަމުންދާކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ޕޮޒިޓިވް ކޭސްތައްފެނި އަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއްކަމުގައި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިއަދުގެ ހާލަތާއި ގުޅޭގޮތުން ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ވާހަކަ ދައްކަމުން ޓެގްޓީމްގެ ޑޮކްޓާ ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ އަދަދުތައް މަދުކޮށް މިހާރު ފެންނަމުންދިޔަ ނަމަވެސް މިއަދަދު ކުރިއަށް އޮތް ތަނުގައި އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އެޗްޕީއޭއިން މާލޭ ސަރަހައްދުން ހައިރިސްކުގެ ގޮތުގައި ބެލެވޭ ތަންތަން ފާހަނގަކޮށް އެތަންތަނުން ސާމްޕަލްތައް ނެގުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދާއިރު، އެތަންތާގައި ދިރިއުޅޭ އިތުރުމީހުންވެސް ޕޮޒިޓިވްވުމަކީ އެކަށީގެންވާކަމެއްކަމަށެވެ.

މިހާރު ފެންނަމުންދާ ކޭސްތަކަކީ މުޅިންވެސް ކްލަސްޓަރތަކާއި ގުޅިފައިވާ ކޭސްތަކަށްވާއިރު، އަލަށް ފެންނަ ކޭސްތަކުގައިވެސް ކޮންޓެކްޓްތައް މަދުކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. އަދި މިވަގުތު އެންމެބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރަމުންދަނީ ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށްކަމަށްވިޔަސް ހައިިރިސްކް ތަންތަނުގައި މިހާރުވެސް ބަލީގެ އަލާމާތް ހުރި މީހުން ތިބުމަކީ އެކަށީގެންވާކަމެއްކަމަށްވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ. މިކަންކަމަށް ބަލައި އެޗްޕީއޭއިން ކަނޑައަޅާފައިވާ ހައިރިސްކް ތަންތަނުގައި ތިބޭ އެންމެންގެ ސާމްޕަލް ނެގުމަކީ މިހާރު ކުރަމުންދާ އެންމެ މުހިންމު މަސައްކަތް ކަމުގައިވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ.

މިހާރު ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ 6 މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ފަރުވާދެމުންދާ 88 އަހަރުގެ މީހާއަށް އަދިވެސް ފަރުވާދެމުންދަނީ ވެންޓިލޭތަރުގެ އެހީގައިކަމަށެވެ. ދެންތިބި މީހުންގެ ތެރެއިން 2 މީހަކަށް އޮކްސިޖަން ދެމުންދާއިރު، ދެންތިބި އެންމެންގެވެސް ހާލު ސްޓޭބަލްކަމަށް އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިވަގުތު ފަރުވާދެމުންދާ މީހުންގެތެރެއިން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންފިޔަވައި ދެންތިބި އެންމެންގެވެސް ހާލު ރަނގަޅުކަމަށްވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ.