ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 545 އަށް


ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 545 އަށް އަރައިފިއެވެ. ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ޢާންމުކުރި ތަފާސް ހިސާބްތަކަށް ބަލާއިރު މިއަދު އެކަނިވެސް މި ބައްޔަށް 14 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވެފައިވަނީ ގިނަ ޢަދަދެއްގެ ބިދޭސީންނެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ލިލީ ކްލަސްޓާއަށް ނިސްބަތްވާ ބަނގްލަދޭޝްގެ ރައްޔިތުންނެވެ. އަދި މިއަދު ޕޮޒިޓިވްވި 14 މީހުންނަކީވެސް ކުރީގެ ކްލަސްޓާތަކަށް ނިސްބަތްވާ މީހުންވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ ކޭސްތަކުގެ ޢަދަދު އިތުރުވަމުން އަންނައިރު ކުރިއަށް އޮތް ދެހަފްތާއަކީ ބޮޑަށް މި ބަލި ފެތުރޭނެ ނުވަތަ ޕީކަށް ދާނެ ދެ ހަފްތާކަމަށް ކަމާގުޅުންހުރި ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

ކުރިން ފެންނަ ޢަދަދަށްވުރެ ކޭސްތަކުގެ ޢަދަދު މިހާރު މަދުނަމަވެސް އޭގެ މާނައަކީ ރާއްޖެއިން ބަލި ކޮންޓްރޯލް ކުރެވުނީ ނޫންކަމަށާއި، އަދިވެސް މި ބަލީގެ ނުރައްކާ އޮތް ތަންތަނުނުން ސާމްޕަލް ނަގައިގެން ޓެސްޓްކުރުން ކުރިއަށް އޮތްކަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޕޮޒިޓިވް ކޭސްތައް އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށް ޓެގް އިން ވިދާޅުވެއެވެ.

ރާއްޖޭގެ ކޯވިޑް-19 ގެ ހާލަތާއި ގުޅޭގޮތުން ޤައުމާއި މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ، ކޯވިޑް-19-ގެ މި ނުރައްކާތެރި ހާލަތުން ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޞިއްޚީ މާހިރުންގެ ލަފާގެ މަތިންކަމަށެވެ. އަދި މިކަމުގައި މިހާތަނަށްވެސް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާއިރު، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ކިތަންމެބޮޑު ޤުރުބާނީއެއް ވެގެންވެސް ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.