ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކަނޑައަޅާފައިވާ ހެލްތު އިންޝުއަރެންސް ސްކީމުގެ ސަބަބުން ދައުލަތުން މެންބަރުންގެ ބޭސްފަރުވާއަށް ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާ ކަމަށް މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.
މެންބަރުން މިކަން ފާހަގަކުރައްވާފައިވަނީ އާންމު ރައްޔިތޔުންނަށް ނުލިބޭ، އެކަމަކު މަޖިލިސް މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި ހުށަހަޅާފައިވާ ޕެޓިޝަނަށް ބަހުސް ކުރައްވަމުންނެވެ.
ޕެޓިޝަނާ ގުޅޭގޮތުން ބަހުސް ކުރެއްވި ހުރިހާ މެންބަރުންވެސް ވަނީ އާންމު ރައްޔިތުންނަށް ނުލިބޭ ބޮޑެތި މަންފާތައް އެ މެންބަރުން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މަޖިލިސް މެންބަރުންނަށް އިންޝުއަރެންސް ލިބޭ އުސޫލަކީ ދައުލަތަށް ޚަރަދު ކުޑަގޮތަކަށް އޮންނަ އުސޫލެއްކަން މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ މަޖިލީހުން މެންބަރުންނަށް ނަގާފައިވާ އިންޝުއަރެންސް ޕެކޭޖަކީ އާސަންދަ ނިޒާމުން ބޭރުން ނަގާފައިވާ ޕެކޭޖެއް ކަމަށެވެ. އެގޮތުން، އިންޝުއަރެންސް ޕެކޭޖުގެ ގޮތުގައި މެންބަރަކަށް 1،350،000ރުފިޔާ ކަނޑައަޅާފައި އޮތް ނަމަވެސް އިންޝުއަރެންސް ކުންފުންޏަށް ދައުލަތުން އަހަރަކު މެންބަރަކަށް ދައްކަންޖެހެނީ 24،000 ރުފިޔާ ކަމަށް ވިދާޅުވިއެވެ.
އާސަންދަ ސްކީމު އޮތް ގޮތުން ހުރިހާ ޚަރަދެއްވެސް ކުރަންޖެހެނީ ދައުލަތުން ކަމަށްވާއިރު މިހާރު އިންޝުއަރެންސްގެ ކަންކަން އޮތްގޮތުން ފައިދާވަނީ ދައުލަތަށް ކަމަށްވެސް ވިދާޅުވިއެވެ.
"އާސަންދަ ނިޒާމު އުފެދިފައި އޮތް ގޮތުން، މިސާލަކަށް ބޮޑު ބައްޔެއް މީހަކަށް ދިމާވީ. މިސާލަކަށް ކެންސަރ ނުވަތަ އެފަދަ ބޮޑު ބައްޔެއް ދިމާވީ. ހިނގައިދާނެ އަހަރަކު 6 މިލިޔަން ރުފިޔާވެސް. ހުސްނުވާ އާސަންދަ މިއޮތީ. އެ 6 މިލިޔަންވެސް 7 މިލިޔަންވެސް 10 މިލިޔަންވެސް ޚަރަދުވާނީ ހަމަ ދައުލަތުގެ ބަޖެޓުން. އެހެންވީމަ ބަލާލަންޖެހޭ ކޮން ނިޒާމެއްގައިތޯ ދައުލަތަށް ގެއްލުން ކުޑަވެގެންމިދަނީ،" ފަލާހު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އާސަންދައިގެ ދަށުން އެއްފަހަރާ އެންމެ ބަލިމީހަކަށް އެތައް ހާސް ރުފިޔާއެއް ދައްކަންޖެހޭއިރު މަޖިލީހުގެ މެންބަރުންގެ އިންޝުއަރެންސްގެ ދަށުުން ދައުލަތުން މަހަކު މެންބަރަކަށް ދައްކަން ޖެހެނީ އެންމެ 2000 ރުފިޔާ ކަމަށެވެ. އިތުރު ފައިސާއަކީ އިންޝުއަރެންސް ކުންފުނީގެ ޕެކޭޖު ތެރެއިން ހަމަޖެހޭ ފައިސާ ކަމަށާއި އާސަންދައިގެ ތެރެއަށް ވަދެއްޖެނަމަ ޚަރަދު ބޮޑުތަނުން ބޮޑުވާނެކަން ސަލީމް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންވެސް ގަބޫލުކުރަން ރައްޔިތުންނަށް ނުލިބޭ އެއްޗެއް އަޅުގަނޑުމެންވެސް ބޭނުމެއް ނުވޭ. އެކަމަކު އުސޫލުތަކެއް ހަމަތަކެއް ކަނޑައެޅިފައި އޮންނައިރު އަޅުގަނޑުމެން ދަރަޖަތަކެއް އެބައޮވޭ ކަނޑައެޅިފައި ސަރުކާރުގެ މުސާރަދޭ އުސޫލުތަކެއް. އެހެންވީމަ ސަރުކާރަށް ވަނީމާ ލިބޭ މުސާރައެއް ސަރުކާރަށް ނުވަންނަ މީހަކަށް ނުލިބޭނެ. ދެން އަޅުގަނޑުމެން ބުނަންވީ އާންމު މީހާއަށް ނުލިބޭތީ ސަރުކާރުގެ މީހާގެ މުސާރަ ލިބިގެން ނުވާނެއޭ؟. އެހެންނެއް ނުބުނެވޭނެ،" މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.
ޕެޓިޝަނަށް ބަހުސް ކުރައްވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ އެއްވެސް ރައްޔިތަކަށް ރަނގަޅުގޮތެއްވާނަމަ އަނެއް ރައްޔިތު މީހާ އެކަމާ ދެކޮޅަށް ނުކުމެގެން ނުވާނެ ކަމަށާއި މަޖިލީހުގެ މެންބަރުންގެ އިނާޔަތްތައް އަމިއްލައަށް ކަނޑައެޅޭނެ އުސޫލެއް ގާއިމުކުރީ 20 ވަނަ މަޖިލީހުން ނޫން ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ބޭނުންޖެހިފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދައިދޭންވާނެ ކަމަށާއި ރައްޔިތުންގެ އިތުބާރު އޮންނަ ގޮތަށް މަޖިލީހުގެ މަސައްކަތްތައް ބައްޓަންކުރެވިފައި އޮންނަންވާނެ ކަމަށް ވިދާޅުވިއެވެ.
"މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމިއްލައަށް ނިންމަން އޮންނަ ކަމަކަށްވާތީ މިކަމުގައި ގޮތެއް ކަނޑައެޅުމަށް މިނިވަން އޮޑިޓަކުން ނުވަތަ މިނިވަން ފަރާތަކުން މެންބަރުންގެ އިނާޔަތްތައް ކަނޑައެޅޭގޮތަށް ޤާނޫނުތައް ބަދަލުކުރަން،" މައުރޫފު ވިދާޅުވިއެވެ.
އިންޝުއަރެންސްގެ އިތުރުން މެންބަރުން ބޭރު ޤައުމުތަކަށް ބޭސްފަރުވާއަށްދިއުމަށް ކުރާ އެހެނިހެން ޚަރަދުތަކަށްވެސް ބައެއް މެންބަރުން ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އާސަންދައާ ޚިލާފަށް ޓިކެޓާއި ހުރުމުގެ ކަންކަން އަދި ކެއުމުގެ ކަންކަން ކުރަމުން އަންނަނީ މެންބަރުން އަމިއްލަ ޚަރަދުގައިކަން ވަނީ ފާހަގަކުރައްވާފައެވެ.
ބިލަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންނާ ދެމެދު މަސްލަހަތު ނުގެއްލޭގޮތަށް ޕެޓިޝަންތައް ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.