ޚަބަރު

ކޯވިޑް-19: ފަރުވާކުރުމުގައި ރާއްޖެއިން ގެންގުޅޭނެ ކްލިނިކަލް ގައިޑްލައިނެއް އެކުލަވާލައިފި


ކޯވިޑް-19އަށް ފަރުވާކުރުމުގައި ރާއްޖެއިން ގެންގުޅޭނެ ކްލިނިކަލް ގައިޑްލައިނެއް އެކުލަވާލައިފިއެވެ. މިގައިޑްލައިން އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީނެވެ.

މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން އެކުލަވާލާ ބޭނުންކުރަންފެށި މިގައިޑްލައިންގެ މަޤްސަދަކީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ މިޙާލަތުގައި ރާއްޖޭގައި ޢަމަލުކުރާނެ ގޮތުގެ މިންގަނޑުތަކެއް އެކުލަވާލުންކަމުގައި އެ ޖަމްޢިއްޔާއިން ވިދާޅުވެއެވެ. މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ)އިން ވިދާޅުވީ ކޮންމެ ޤައުމަކުންވެސް އެޤައުމެއްގެ ޙާލަތާއި ގުޅުވައިގެން މިފަދަ ގައިޑްލައިންތައް އެކުލަވާލަމުންދާކަމަށާއި ރާއްޖެއިންވެސް ވައިރަހާއި ކުރިމަތިލުމުގައި ދިވެހި މުޖުތަމަޢާއި ގުޅޭ ފަދަގޮތަކަށް މިންގަނޑުތަކެއް އެކުލަވާލުމަކީ މުހިއްމުކަމެއްކަމަށެވެ.

އެގޮތުން މިގައިޑްލައިންގައި ރައްޖޭގެ ހޮސްޕިޓަލުތަކުގައި ކޯވިޑް-19އަށް ފަރުވާދޭންޖެހޭ ޙާލަތުގައި އެކަންކުރާނެ ގޮތާއި ޓެސްޓުކުރާނެ ގޮތާއި ދޭނެ ބޭސްތަކާއި ޢަމަލުކުރާނެ ގޮތްތައް ކަނޑައަޅާފައިވާނެކަމަށް އެ ޖަމްޢިއްޔާއިން ވިދާޅުވެއެވެ. މި ގައިޑްލައިން އެކުލަވާލުމުގައި އެތެރެހަށީގެ 6 ޑޮކްޓަރުންނާއި ހޭނައްތާ 4 ޑޮކްޓަރުން ވޭތުވެދިޔަ މަހެއްހާދުވަހު މަސައްކަތްކޮށްފައިވާކަން އެމްއެމްއޭއިން ފާހަގަކުރައްވައެވެ. އަދި މިގައިޑްލައިން އެކުލަވާލުމުގައި ބައިނަލްއަޤުވާމީ އެކި ގައިޑްލައިންތަކާއި ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކާއި އެޗްޕީއޭގެ ގަވާއިދުތައް ދިރާސާކޮށްފައިވާކަމަށްވެސް އެ ޖަމްޢިއްޔާއިން ވިދާޅުވެއެވެ.

މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ޓްރެޝަރަރ ޑރ. އިސްނީން ޙިލްމީ ވިދާޅުވީ މިގައިޑްލައިންއަކީ މިހާރުވެސް މިބައްޔަށް ފަރުވާކުރުމުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އިތުރު އެހީއަކަށްވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމުގައެވެ.

"މިއީ ދިވެހިރާއްޖޭގައި ކޯވިޑް-19އަށް ފަރުވާކުރުމުގައި ބޭނުންކުރެވޭނެ ގައިޑްލައިން. މިއީ އެމްއެމްއޭގެ ފަރާތުން ތައްޔާރުކޮށްފައިވާ ގައިޑްލައިނެއް. މީގައި އަޅުގަނޑުގެ އިތުރުން 5 އެތެރެހަށީގެ ޑޮކްޓަރުންނާއި 4 ހޭނައްތާ ޑޮކްޓަރުންވަނީ މަސައްކަތްކުރައްވާފަ. އަދި އެނޫނަސް ވަރަށް ގިނަ ޑޮކްޓަރުންވަނީ މިގައިޑްލައިން ރިވިއުވެސްކޮށްފަ. އަދި ކޯވިޑް ނަވާރައަށް ޚާއްސަ ފަރުވާއެއް ނެތް. ވަރަށް ގިނަ އެވިޑެންސްތަކަށް ބެލުމަށްފަހު މިގައިޑްލައިން އެކުލަވާލީ އަދި ވަރަށް ގިނަ ރިސަރޗްތައް ހެދެމުންދަނީ ވަރަށް ގިނަ އެވިޑެސްތަކަށް ބޭސްކޮށްފަ ގައިޑްލައިން ޗެންޖުކުރަންވެސް ޖެހިދާނެ. އުއްމީދުކުރަނީ ރެގިއުލާ އިންޓަވަލްގަ ގައިޑްލައިން ރިވައިސްކޮށްފަ އިތުރު ވަރޝަންތަކެއްވެސް ނެރެން" ޑރ. އިސްނީން ޙިލްމީ ވިދާޅުވިއެވެ.

މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނަކީ ރާއްޖޭގެ ސިއްޙީ ދައިރާއާއި ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކޮށް ޑޮކްޓަރުންގެ ފަންނުކުރިއެރުވުމަށް މަސައްކަތްކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ.