ޚަބަރު

ކޯވިޑް-19 : ރާއްޖޭގައި ތިިބި ތައިލެންޑުގެ 131 މީހަކު އެނބުރި ޤައުމަށް


ރާއްޖޭގައި ތިބި ތައިލެންޑުގެ 131 މީހަކު މޯލްޑިވިއަންގެ ފްލައިޓެއްގައި އެ ޤައުމަށް ފޮނުވާލައިފިއެވެ.
ރާއްޖޭގައި ތިބި ތައިލެންޑުގެ ރައްޔިތުންގެ ތެރެއިން ޤައުމަށް ދާން ބޭނުންވި މީހުން ފޮނުވާލާފައިވަނީ ރާއްޖޭގައި ހުންނަ ތައިލެންޑުގެ ކޮންސިއުލޭޓާއި ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން ބޭއްވި ޗާޓަރު ފްލައިޓެއްގައެވެ. މިއީ ރާއްޖޭގައި ތިބި ތައިލެންޑުގެ ރައްޔިތުން އެ ޤައުމަށް ގެންދިއުމަށް ބޭއްވި ދެވަނަ ފްލައިޓެވެ. މިދިޔަ މަހުގެ 16 ވަނަ ދުވަހު ބޭއްވި ފްލައިޓުގައި ތައިލެންޑުގެ 55 މީހަކު އެ ޤައުމަށް ގޮސްފައިވެއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އެކި ޤައުމުތަކުގައި ރާއްޖެ ނާދެވިފައިތިބި ދިވެހިން ގެނައުމާއި ރާއްޖޭގައި ތިބި އެކި ޤައުމުތަކުގެ ރައްޔިތުން އެ ޤައުމުތަކަށް ފޮނުވާލުމުގެ އިންތިޒާމްތައް ސަރުކާރުން ގެންދަވަނީ ހަމަޖައްސަވައިދެއްވަމުންނެވެ. އެގޮތުން ރާއްޖޭގައި ތިބި އެކި ޤައުމުތަކުގެ މީހުންގެ ތެރެއިން އެނބުރި ޤައުމަށްދާން ބޭނުންވާ މީހުން ފޮނުވާލުމަށް މާދަމައާއި މިމަހުގެ 8 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފަސިންޖަރުންނާއެކު މާދަމާ ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ޓަރކިޝް އެއަރލައިސްގެ ފްލައިޓެކެވެ. އަދި މިމަހުގެ 8 ވަނަ ދުވަހު ފަސިންޖަރުންނާއިއެކު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ޔޫކްރެއިންގެ ސްކައިއަޕް އެއަރލައިސްގެ ފްލައިޓެކެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މި ފްލައިޓުތަކުގައި ފުރުމަށް ހަމަޖެހިފައިވާ ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަދި އެހެނިހެން ފަސިންޖަރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ހަމައަށް ދިޔުމަށް ފުލުހުންގެ ޙާއްސަ ހުއްދައެއް ހޯދަންޖެހޭނެ ކަމަށެވެ. އަދި ކުރީބައިގައި ފުލުހުންގެ ފަރާތުން އެ ހުއްދަ ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ.

މިކަމުގައި ރިސޯޓުތަކާއި، ގެސްޓު ހައުސްތަކާއި ރަށު ކައުންސިލްތަކުން ފަސިންޖަރުންނަށް އެއްބާރުލުން ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ. މިހާލަތުގައި، ކަމާގުޅޭ އެންމެހައި އިދާރާތަކުން އަންގަވާ އެންގުންތަކާއި އެއްގޮތަށް އަމަލުކުރެއްވުމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.