އަމީނީމަގު މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ފަށައިިފިއެވެ.
އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ. މިދިޔަ ސަރުކާރުން ތާރު އަޅައިގެން ތަރައްޤީކޮށްފައިވާ އަމީނީމަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި އެމަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ޚާއްސަކޮށް އަމީނީ މަގުގެ ހުޅަނގަށްވީ ބައިވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
އަމީނީމަގު މަރާމަތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އެ މަސައްކަތުގެ ދަށުން އަމީނީމަގު މަރާމާތުކުރުމުގެ ގޮތުން ކުރަން ޖެހޭ ސަރވޭތައްވެސް އެމްޓީސީސީން ވަނީ ނިންމާފައެވެ. އެމްޓީސީސީން ވިދާޅުވީ އަމީނީމަގުގެ ފުރަތަމަ ސެންގްމަންޓުގެ މަސައްކަތް ފަށާފައިވާކަމަށާއި މިހާރު ކުރިއަށްދަނީ ކުރިން އަޅާފައި އޮތް ތާރުގަނޑު ނެގުމުގެ މަސައްކަތްތަކަމަށެވެ.
މިމަޝްރޫޢުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަމީނީ މަގު މަރާމާތު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް ވަނީ ބަންދުކޮށްފައެވެ.
އަމީނީ މަގުގެ ހަލާކުވެފައި އޮތް ސަރަހައްދު އަވަހަށް ހަލާކުވެފައިވަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުންކަމަށް މިކަމުގެ ފަންނީ ބޭފުޅުން ފާހަގަކުރައްވައެވެ. ޚާއްސަކޮށް އެ ސަރަޙައްދަކީ ބަސްދަތުރުކުރާ ސަރަޙައްދަކަށް ވުމުން ތާރުގަނޑު ހަލާކުވުމުގެ ފުރުޞަތު އޮވެއެވެ.
މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ވަނީ ތަރައްޤީކޮށްފައެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހުއެވެ.
އަމީނީ މަގު ބަންދުކުރުމުގެ ސަބަބުން އެމްޓީސީސީން ފޯރުކޮށްދޭ ބަސް ދަތުރުތަކަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެމްޓީސީސީން ވިދާޅުވީ އެކުންފުނިން ފޯރުކޮށްދޭ އާރްޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ ރޫޓް-10 އޯކިޑް ރޫޓް ދަތުރުތައް ފަށާނީ އަދި ނިންމާނީވެސް ވެސްޓު ޕާކު ބަސް ސްޓޮޕަށްކަމަށެވެ. މި ބަދަލާ ގުޅިގެން އަމީނީމަގު މަރާމާތުކުރުމުގެ ސެގްމަންޓު 1ގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރ، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިއަށް ރޫޓް-10ގެ ބަސްތައް މަޑު ނުކުރާނެއެވެ. އަދި އަމީނީމަގު ސެގްމަންޓު 1ގެ މަސައްކަތް ނިމެންދެން ރޫޓް-11 އަމީނީމަގު ރޫޓުގެ ބަހުގެ ޚިދުމަތްތައްވެސް ވަގުތީގޮތުން މެދުކެނޑޭނެކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. މީގެ އިތުރުން ރޫޓް-1، ރޫޓް-3، ރޫޓް-7 އަދި ރޫޓް-15 ގެ އެންމެ ފަހުގެ މަންޒިލެއްގެ ގޮތުގައި މާލޭގައި މަޑުކުރާނީ މާފަންނު ބަސް ޓާމިނަލަށެވެ.