ޚަބަރު

ކޯވިޑް-19 : އިތުރު 8 މީހަކު ޕޮޒިޓިވްވެއްޖެ


އިތުރު 8 މީހަކު ޕޮޒިޓިވްވެ ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވިމީހުންގެ އަދަދު 527 އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް-19އަށް އެންމެ ފަހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 5 ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 3 މީހުންކަމަށެވެ. މިއާއެކު ކޯވިޑް19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު މިވަނީ 183 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އެޤައުމުގެ 268 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. އަދި ޕޮޒިޓިވްވި ބިދޭސީންގެ އަދަދަކީ 344 އެވެ. މިބަލިޖެހިގެން 507 މީހުންނަށް ފަރުވާދެމުންދާއިރު، ހޮސްޕިޓަލުގައި މިހާރުވެސް 6 މީހަކަށްދަނީ ފަރުވާދެމުންނެވެ. މިބަލީގައި ރައްޖެއިން އެކަކު މަރުވެފައިވާއިރު، މިހާތަނަސް ޕޮޒިޓިވްވި މީހުންގެތެރެއިން 18 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

މިބަލީގައި މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފިރިހެންނުންގެ އަދަދު ގިނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 499 ފިރިހެނުން މިބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އަންހެނުންގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 78 މީހުންނެވެ. ރާއްޖެއިން ކޯވިޑް19 ފެނުނުތާ 57 ދުވަސްވެފައިވާއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 447 މީހަކާއި، ކަރަންޓީންގައި މިވަގުތުވެސް 1311 މީހުން އެބަތިއްބެވެ.

މިހާތަނަށް ކޯވިޑް-19 ހުރިތޯ ބެލުމަށް ރާއްޖޭގައި 8400 އަށްވުރެ ގިނަ ސާމްޕަލް ވަނީ ނަގާފައެވެ. ވެރިރަށް މާލޭގެ އިތުރުން މިހާތަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ އިތުރު ރަށްތަކަކުންވެސް ކޯވިޑް-19 ޖެހިފައިވާ ބަޔަކު ވަނީ ފެނިފައެވެ. އެގޮތުން ހއ.ތަކަންދޫއިން ވަނީ 3 މީހުން ޕޮޒިޓިވްވެފައެވެ. އަދި މަނަދޫ މީހަކުވެސް މާލެއިން ޕޮޒިޓިވްވެފައިވެއެވެ. ހއ.އުލިގަމުންނާއި، ށ.މިލަންދޫ އަދި ނަރުދޫއިންވެސް ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ.