މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން، ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވަމުންދާ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް ސިލްސިލާގެ ހަވަނަ ސިމްޕޯޒިއަމް، މިމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މިސިމްޕޯޒިއަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓު، އެމްއެމްއާރްއައި އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން، މިމަހުގެ 4 އިން 5އަށެވެ. މި ސިމްޕޯޒިއަމް ކުރިއަށް ދާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ސިމްޕޯޒިއަމް ސިލްސިލާގެ ބޭނުމަކީ ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތަކާއި ދިރުންތަކާއި ގުޅޭގޮތުން ކުރެވެމުންދާ ދިރާސާތަކާއި އެ ދިރާސާތަކުގެ ނަތީޖާތައް އާއްމުންނާއި ހިއްސާކޮށް މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް ރާއްޖޭގައި މެރިން ސައިންސްގެ ދާއިރާ ކުރިއެރުވުމެވެ. މެރިން ސައިންސް ސިމްޕޯޒިއަމަކީ މި ދާއިރާއިން ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނި ބައްދަލުވުން ކަމުން މިއީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބޭނެ އަގުހުރި ފުރުސަތެކެވެ.
2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ މި ސިމްޕޯޒިއަމްގެ އަމާޒަކީ، ރާއްޖޭގެ ކަނޑުތަކުގައި ކުރާ ތަފާތު ދިރާސާތައް އެއް ތަނެއްގައި ހިއްސާކޮށް މަޝްވަރާ ކުރުމަށް މަގުފަހިކޮށްދިނުމެވެ. ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ސިމްޕޯޒިއަމްގައި މިއަހަރު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖުމްލަ 47 ދިރާސާއެވެ. މީގެ ތެރޭގައި 32 އޯރަލް ޕްރެޒެންޓޭޝަނާއި 15 ޕޯސްޓަރ ޕްރެޒެންޓޭޝަން ހިމެނެއެވެ. މި ފަހަރުގެ ސިމްޕޯޒިއަމަށް ހުށަހަޅާފައިވާ ކަރުދާސްތައް މައިގަނޑުގޮތެއްގައި ބެހިގެން ދަނީ ފަސް ދާއިރާއަކަށެވެ.
* ކޮރަލް ރީފްސް، ރެސްޓޮރޭޝަން އެންޑް ކްލައިމެޓް ޗޭންޖް
* ފިޝަރީޒް
* ގަވަރނަންސް އެން ސޮސައިޓީ
* ސީ ޓާޓްލްސް އިކޮލޮޖީ
* ހެލްތު އެންޑް ކޮންޒަރވޭޝަން
* ޝާކްސް، ރޭސް އެންޑް އަދަރ މެރިން މެގަފައުނާ
* ކޯސްޓަލް އިކޯސިސްޓަމްސް އެންޑް ސީބާރޑްސް
މި ސިމްޕޯޒިއަމްގައި ދިވެހިރާއްޖޭގައި ކަނޑުތަކުގެ ދިރާސާތައް ކުރުމުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކާއި، ޔުނިވަރސިޓީތަކުން ކޮށްފައިވާ ދިރާސާތައް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. ސިމްޕޯޒިއަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ.