ޚަބަރު

އދ.ގެ ރާއްޖޭގެ ދާއިމީ މިޝަންއަށް ނައިބު ރައީސް ޒިޔާރަތްކުރައްވައިފި


  • މިޝަންގެ މަސައްކަތްތައް ނައިބު ރައީސް ފާހަގަކުރެއްވި

  • މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި

ނިއުޔޯކުގައި ހުންނަ އދ.ގެ ދިވެހިރާއްޖޭގެ ދާއިމީ މިޝަންއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޒިޔާރަތްކުރައްވައިފިއެވެ.

އދ.ގެ ރާއްޖޭގެ ދާއިމީ މިޝަނަށް ނައިބު ރައީސް ޒިޔާރަތްކުރެއްވީ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގެ ތެރެއިންނެވެ.

ދާއިމީ މިޝަންއިން ނައިބު ރައީސްއަށް މަރުޙަވާ ދެންނެވީ، ޕަރމަނަންޓް ރެޕްރެޒެންޓިވް ޑރ. ޢަލީ ނަސީރު މުޙައްމަދުއެވެ.

މިޝަންގައި ކުރިއަށްގެންދެވި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، އދ. ގައި ރާއްޖޭގެ އަޑު އިއްވުމަށް މިޝަންއިން ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ އެކަން ސަރުކާރުން ބަލައިގަންނަކަން ހާމަކުރައްވާފައެވެ. އަދި މިޝަންގެ މަސައްކަތައް ރާވާ ހިންގުމާ ގުޅޭގޮތުން އޮޅުންފިލުއްވާ މަޝްވަރާކުރެއްވިއެވެ.


މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއާއި ތަޢުލީމި ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ބައިވެރިވެވަޑައިގެންނެވިއެވެ.

އދ.ގެ ރާއްޖޭގެ ދާއިމީ މިޝަނަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ނައިބު ރައީސް ވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފުތާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިއުޔޯކަށް ވަޑައިގަތީ މިމަހުގެ 20 ވަނަ ދުވަހުއެވެ.