 
										
			ފާއިތުވި 7 ދުވަހުގެ ތެރޭގައި އެކި ރަށްރަށަށް ގެންދިއުމަށްޓަކައި އޮޑިފަހަރުތަކަށް 40،000 ބަސްތާގެ ކާޑު އަރުވާފައިވާ ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ. 
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އައި ދަތިތަކާއިއެކު، ރޯދަމަސް އައުމުން ކާޑުގެ ޑިމާންޑު އަތޮޅުތަކުގައި ބޮޑުވެފައިވާ ކަމަށެވެ. 
އަދި އަތޮޅުތަކަށް ކާޑުގެ ބާވަތްތައް ފޮނުވުމުގައި އެސްޓީއޯގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާކަން އަމްރު ފާހަގަކުރެއްވިއެވެ. 
		
			ކާޑުގެ ޑިމާންޑު ބޮޑުވިނަމަވެސް، ކާޑު ލިބުމުގައި އަދި ދަތިކަމެއް ނެތް ކަމަށް އަމްރު ވިދާޅުވިއެވެ. މާލެ ސަރަހައްދުގެ ފިހާރަތަކަށް ކާޑު ގުދަނުން ކާޑު ގަނެވޭނެ ކަމަށާއި، ރަށްރަށުގައި ކާޑު ހުރި މިންވަރެއް ބެލުމަށް ގުޅަމުންދާ ކަމަށް އަމްރު ވިދާޅުވިއެވެ. 
ކާޑުގެ ދަތިކަން ކުރިމަތިވާ ރަށްރަށުގައި އެކަން ހައްލު ކުރުމަށް އެސްޓޯއިން މަސައްކަތް ކުރާނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި ރަށްރަށަށް ކާޑު ގެންދެވޭ މިންވަރު storate.sto.mv/Staples އިން ބަލާލެވޭނެ ކަމަށްވެސް އެސްޓީއޯއިން ހާމަކުރެއެވެ. 
ކާޑުގެ ބާވަތްތަކުގެ ރަނގަޅު ސްޓޮކެއް އެބަހުރިކަމަށާ، ކާޑުގެ ބާވަތްތައް ލިބުމުގައި އެއްވެސް ދަތިކަމެއް ނާންނާނެކަމަށް އެސްޓީއޯއިން ވަނީ މީގެކުރިންވެސް ބުނެފައެވެ. ރަމަޟާން މަހު ކާޑުގެ ބާވަތްތަކަށް ޑިމާންޑު އިތުރުވެގެންދާނެ މިންވަރަށް އެސްޓީއޯ ތައްޔާރުވެފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.