ޚަބަރު

ކޯވިޑް-19 : އިނގިރޭސިވިލާތާއި މެލޭޝިއާއިން ރާއްޖެއަށް ދަތުރުކުރުން މަނާކޮށްފި


އިނގިރޭސިވިލާތާއި މެލޭޝިއާއިން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދުން ފެށިގެން މެލޭޝިއާއިން ރާއްޖެއަށް މީހުން އެތެރެވުން ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ. އަދި މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތުންވެސް ރާއްޖެއަށް މީހުން އެތެރެވުން މަނާވާނެކަމަށެވެ.

ސަރުކާރުން އެޅި މި ފިޔަވަޅާއެކު އިނގިރޭސިވިލާތާއި މެލޭޝިއާއިން ޓްރާންސިޓް ވެގެން އަންނަ އެއްވެސް ފަސިންޖަރަކަށް ރާއްޖެއަށް އެތެރެ ނުވެވޭނެއެވެ. އެހެންނަމަވެސް މި ދެ ޤައުމުން ރާއްޖެ އަންނަ ދިވެހިން 14 ދުވަހަށް ކަރަންޓީނު ކުރާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

" އިނގިރޭސި ވިލާތުން މިމަހުގެ 19 ވަނަދުވަހުގެ 00:00 އިން ފެށިގެން ރާއްޖެއަށް އެތެރެވުމަށް ރެސްޓްރިކްޝަންއެއް ރާއްޖެއިން މި އިޢުލާނުކުރަނީ. މީގެ ފަހުން އިނގިރޭސިވިލާތުން ޓްރާންސިޓްވެގެން އަންނަ އެއްވެސް ބިދޭސީއަކަށް ރާއްޖެއަށް ނުވަދެވޭނެ. އަދި ރާއްޖެ އަންނަ ދިވެހިން އަންނާނީ 14 ދުވަހުގެ ކަރަންޓީނަކަށް. އަދި މިރޭ 18:00 އިން ފެށިގެން ވަގުތީ ޓްރެވެލް ރެސްޓްރިކްޝަންއެއް މެލޭޝިއާއަށް ވެސް އަންނާނެ." މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުން މިހާރު ވަނީ 9 ޤައުމަކުން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފައެވެ.